ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 ބެޑްމިންޓަން މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވާނެކަން ދިރާގުން އިއުލާނުކޮށްފި އެވެ.
ޑިސެމްބަރު 13 އިން 19 އަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޒުވާނުން ބާރުވެރިކުރުވައި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މި މުބާރާތް އިންތިޒާމު ކުރަނީ ބެޑްމިންޓަން ކްލަބާ ގުޅިގެންނެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ދިރާގުން ބާއްވާ މުބާރާތެކެވެ.
މުބާރާތުގެ މައިގަނޑު އަމާޒަކީ، ވާދަވެރި މާހައުލެއްގެ ތެރެއިން ދިވެހި އަދި ބައިނަލްއަގްވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ބޭއްވި ދިރާގު މޯލްޑިވްސް ޖޫނިއާ ބެންމިންޓަން މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ. މިދިޔަ އަހަރުގެ އެ މުބާރާތުގައި އަށް ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ 30 އެތުލީޓުން ހިމެނެ އެވެ. އެ މުބާރާތުގައި ޖުމްލަ 733 މެޗު ކުޅުނެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. މިދިޔަ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތުގައިވެސް ޕެރާ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ހިމެނޭނެ އެވެ.
ދިރާގަކީ ރާއްޖޭގެ އެކި ކުޅިވަރުތައް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުންޏެކެވެ.