އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހަޅާ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕޫލްގައި ހިމެނެނީ ތައުލީމީ ދާއިރާގެ ބޭފުޅުންނާއި އެކި ފަންނުތަކުގެ މާހިރުންނެވެ.
އެ ޕޫލަށް ހޮވޭ ފަރާތްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޮންފަރެންސަށް ހުށަހަޅާ ދިރާސީ ކަރުދާސްތަކުގެ ފަންނީ ފެންވަރު ވަޒަންކުރުމާއި މައުލޫމާތުގެ ސައްހަކަމާއި ދިރާސާ މައުޟޫގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިލްމީ ހިޔާލު ފޯރުކޮށްދިނުމެވެ.
އެމްއެމްއޭ އިން ބުނީ އެ ޕޫލްގައި ބައިވެރިވެވޭނީ އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ. އެގޮތުން މެކްރޯ އިކޮނޮމިކްސް އާއި މަނިޓަރީ އިކޮނޮމިކްސް އާއި އިސްލާމިކް ފައިނޭންސާއި ޕަބްލިކް ފައިނޭންސް ޓޫރިޒަމާއި ބައިނަލްއަގްވާމީ ވިޔަފާރި ޑިޖިޓަލް ފައިނޭންސް އަދިވެސް ކޮންފަރެންސާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކެވެ.
އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ދިރާސާކުރާނީ "ޑަބަލް ބްލައިންޑް ޕިއާ ރިވުއު" އުސޫލުންނެވެ. މާނައަކީ ރިވިއު ކުރާ ފަރާތްތަކަށް އެކަކު އަނެކަކު ނޭނގޭނޭހެންނެވެ.
ޕިއާ ރިވިއުއާއަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅާނީ ރިސާޗް ކޮންފަރެންސް ވެބްސައިޓްގައިވާ ޕިއާ ރިވިއުއާ ފޯމު ފުރައިގެންނެވެ. އަދި މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެފްލިކޭޝަން ހުށަހެޅޭނެ އެވެ.
އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އޮންނާނީ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހަށެވެ.