ބީއެމްއެލް އިން މި އަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގްސަދުގައި ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.

މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތައް

1. ދިއްދޫ ކުރިމަގު:  ހއ. ދިއްދޫގައި "ހައިވް" ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ހާއްސަ މަރުކަޒެއް ގާއިމުކުރުން. މިއީ ޑިޖިޓަލް ތައުލީމާއި، އާ އީޖާދުތަކާއި، އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެއް.

2. ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ ރީތި ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަހައްދުގައި "މާމުލި އިކޯ ޕާކް" ތަރައްގީ ކުރުން. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމައުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް.

3. ލާމު ފާމާސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި "ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިން ހަބް" ގާއިމުކުރުން. މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް.

4. ބްލޫ ގިލްޑް ފައުންޑޭޝަން: ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް "މޭކަ ސްޕޭސް" އެއް ގާއިމުކުރުން. މިއީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް.

5. ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރުގައި "ކަލައިދޫ ވިންގްސް ހިޔާ" ތަރައްގީކުރުން. މިތަނުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާހާނާ އާއި ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއް ވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައި.

ބޭންކް ފަންޑަކީ ބޭންކަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެކެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކްގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުން ކަމަށެވެ.

ބޭންކުން އަންނަނީ މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އިސްކަމެއް ދެމުންނެވެ. މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.