ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރަން މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ލެވެލް ތިނެއްގެ ހަތަރު ކޯހެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނީ ސެޓްފިކެޓް ލެވެލް ހާސިލްކުރަން ހުޅުވާލުމުން، އެކި ޑިޕާޓްމަންޓާއި ރަށްރަށުގެ އިންޖީނުގެތަކުން ހިމެނޭ ގޮތަށް ޖުމްލަ 76 މުވައްޒަފުން ކުރިމަތިލި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު އެ ކުންފުނިން އިންވެސްޓް ކުރަނީ ސެޓްފިކެޓަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ހޭދަކުރަނީ މުވައްޒަފުންގެ ވަގުތާއި މުވައްޒަފުންގެ ހުނަރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މުވައްޒަފުންގެ ފަރާތުން އެ ލިބިގެންދާ ކުރިއެރުމަކީ ކުންފުންޏަށް ލިބިގެންދާ ކުރިއެރުން. ކުންފުންޏަށް ލިބިގެންދާ ކުރިއެރުމަކީ ކުންފުނީގެ ހިދުމަތް ހޯދާ އާއްމުންނަށް ލިބިގެންދާ ކުރިއެރުން. މި ކުރިއެރުމަކީ މުޅި ރާއްޖެއަށް ލިބިގެންދާ ކުރިއެރުން،" އަޒުހަރު ވިދާޅުވި އެވެ.
"އެހެންވީމަ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކުރެވޭ އިންވެސްޓުގެ އެއްބައި މިއަދު މުވައްޒަފުންގެ ޓްރެއިންނަށް ކުރެވޭ އިންވެސްޓްގެ ތެރެއިން މި ދަނީ."
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ އިންޑަސްޓްރީތަކާ ދޭތެރޭގައި އޮންނަ ދުރުމިން ނައްތާލަންޖެހޭ ކަމަށާއި ގައުމަށް ބޭނުންވާ ސްކިލްޑް މީހުން ތަމްރީނުކުރެވޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓެކްނިކަލް ސެންޓަރެއްގެ ހައިސިއްޔަތުން އިންޑަސްޓްރީއަށް ދެއްތޯ ތަމްރީނުތައް ދެމުން މި ގެންދަނީ. އިންޑަސްޓްރީގެ ނީޑަކަށް އަޅުގަނޑުމެން ތަމްރީނުކޮށްދެނީ. ނޫނީ އަޅުގަނޑުމެން ވާނީ ހަމަ ޕްރޮޑަކްޓްސް އުފައްދާ ފެކްޓްރީއަކަށް. އޭގެ އެއްވެސް ބޭނުމެއް ނުހިފޭނެ،" ޒޫޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން އިސްނަގައިގެން އެ ފެށީ ވަރަށް އުފާވެރި އަދި ކޮންމެހެން ވެސް ފާހަގަކުރަންޖެހޭ ކަމެކެވެ.
މި ބުރު ފެށި ކޯސްތަކުގެ ތެރޭގައި އިލެކްޓްރީޝަން ކޯހާއި އެއާކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން ކޯހާއި ވެލްޑިން އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯސް އަދި އޮޓޯމޯޓިވް މެއިންޓަނެންސް ކޯސް ހިމެނެ އެވެ.