އިންޑިއާ އިން ރާއްޖެ އަށް އަނބުގެ ފުރަތަމަ އެއާ ޝިޕްމެންޓް ގެނެސްފި އެވެ.
އެ ގައުމުގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކުރި ނޫސްބަޔާނެއްގައިވާ ގޮތުން އިއްޔެ އެ ޝިޕްމެންޓް ރާއްޖެ އަށް އިމްޕޯޓު ކުރީ ކަރްނާޓަކާ ސްޓޭޓުންނެވެ.
ކަރްނާޓަކާ އަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ އަދި ކޮންމެ ދުވަހަކު ދެ ގައުމުގެ ދެމެދުގައި ވައިގެދަތުރުފަރުތައް ބާއްވާ ސްޓޭޓެކެވެ.
އިންޑިއާ އިން ރާއްޖެ އަށް ގެނެސްފައިވަނީ ދެ ބާވަތެއްގެ އަނބެވެ. އޭގެ ތެރޭގައި "ނީލަމް" އާއި "ޓޯޓާޕޫރީ" ހިމެނެ އެވެ. އެއީ އަނބުގެ ދެ ބާވަތަކަށް އެ ގައުމުން ކިޔާ ދެނަމެވެ. ނީލަމް އަނބަކީ އާންމުކޮށް ހުންނަ އެހެން ބާވަތްތަކުގެ އަނބުތަކަށް ވުރެ ފޮނި ނަމަވެސް ސައިޒުން ކުޑަ އަނބެކެވެ. ޓޯޓޫޕޫރީ އަނބު ހުންނަނީ ބޮޑުކޮށް ދިގުކޮށެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން ބުނީ، މިއީ އެ ގައުމުގެ ދަނޑުވެރިންގެ އުފެއްދުންތައް މިހާރަށް ވުރެ، ފަސޭހައިން އެކްސްޕޯޓު ކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ. ހާއްސަކޮށް "ސީޒަނަލް އުފެއްދުންތައް" އެއާ ފްރައިޓް މެދުވެރިކޮށް ފޮނުވުމުން އުފެއްދުންނަށް އަހަވަށް މާކެޓުތަކަށް ޑިސްޓްރިބިއުޓް ކުރެވޭނެ ކަން އެ މިނިސްޓްރީން ފާހަގަކުރި އެވެ.
މިކަން ކާމިޔާބު ކުރުމުގައި އިސްކޮށް ހަަރަކާތްތެރިވި އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (އޭޕީއޭޑީއޭ) ގެ ޗެއާމަން އަބީޝޭކް ދޭވް ވިދާޅުވީ، މިހާ ހިސާބަށް އާދެވުނީ ފާމާ ޕްރޮޑިއުސާ ކޮމްޕެނީ (އެފްޕީސީ) އާއި އެހެން ދަނޑުވެރިން އަދި ސްޓޭކްހޯލްޑަރުންގެ އެހީތެރިކަމާ އެކު ކަމަށެވެ.
ރާއްޖެ އަށް އެއާ ފްރައިޓް މެދުވެރިކޮށް އަނބު ފޮނުވުމުން، އިންޑިއާގެ އަނބު އެހެން މާކެޓްތަކަށް ފުޅާވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަނޑުވެރިންނަށް އެ މީހުންގެ އުފެއްދުންތަކުން ނަފާ އިތުރު ކުރުމަށް މިއީ ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް މިހަރު އެއާ ފްރައިޓްކޮށް އިންޑިއާ އިން އެތެރެކޮށްފައިވަނީ، އެއް މެޓްރިކް ޓަނުގެ އަނބެވެ. އެ ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ އަންހެންނުގެ ހާއްސަ ކުންފުންޏެއް ކަމުގައިވާ، ވިމެން އޮންޓްރޮޕްރަނިއަ އެންޑް އެކްސްޕޯޓާސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ.
ރާއްޖެ އަށް އަނބު އެތެރެކުރުމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނަށް 50 ޕަސެންޓަށް ވުރެ އިތުރަށް އެ މީހުންގެ އާމްދަނީ އިތުރު ކުރެވޭނެ އެވެ.