ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރަން އެންމެ ގިނައިން އަންނަނީ ޗައިނާ އާއި އިޓަލީ ޓޫރިސްޓުން ކަމަށް ޓޫރިޒަމްގެ ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ 29 ޕަސެންޓް ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އަދި 28 ޕަސެންޓް ޓޫރިސްޓުން އަންނަނީ އިޓަލީންނެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ވެސް ޗައިނާއިންނެވެ. އެ ގައުމުން ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން މި އަހަރު އައިސްފައިވެ އެވެ. އިޓަލީ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 79،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ގެސްޓް ހައުސްތަކަށް ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާ އާއި ފްރާންސުންނެވެ. އެއީ 19 ޕަސެންޓެވެ.
ހަތަރު ވަނަ އަށް ގެސްޓް ހައުސްތަކަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން އަންނަ 16 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގަ އެވެ. ފަސް ވަނައަށް އެމެރިކާ އިންނެވެ.
އެގައުމުތަކުގެ އިތުރުން ޖަރުމަނާއި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތާއި ސްވިޓްޒަލެންޑު ޓޫރިސްޓުން ވެސް ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރެ އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.