މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފަށާފައިވާ އިންޑިއާ-ރާއްޖެ ޔޫޕީއައި ކޮރިޑޯގެ ހިދުމަތާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އެ ހިދުމަތް ކަސްޓަމަރުންނަށް ހޯދޭނެކަމަށް އެ ބޭންކުން ބުނެފި އެވެ.

ރާއްޖޭގައި ބޭނުންކުރާ، ވަގުތުން ފައިސާ ފޮނުވާ ނިޒާމު "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) މި ކޮރިޑޯ ތައާރަފު ކުރުމާ އެކު ގުޅުވާލެވި، ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ. މިއީ ދިވެހި ރުފިޔާ އެކައުންޓުން އިންޑިއާ ރުޕީ އެކައުންޓަށް ފައިސާ ފޮނުވޭ ހިދުމަތެކެވެ.

މި ހިދުމަތް މި ވަގުތު ލިބޭނީ ހަމައެކަނި ވަކިވަކި ފަރުދުންގެ މެދުގައި ކުރެވޭ  މުއާމަލާތްތަކަށްކަމަށް ވާއިރު، ދިވެހި ކަސްޓަމަރުންނަށް އެ މީހުންގެ ދިވެހި ރުފިޔާ އެކައުންޓުތަކުން ސީދާ ފައިސާ ފޮނުވޭނެ އެވެ.

އެމްއައިބީން ބުނީ، އެ ހިދުމަތުގެ ދަށުން މަހަކު ފޮނުވޭނީ ގިނަވެގެން 250 އެމެރިކާ ޑޮލަރަށްވާ ދިވެހި ރުފިޔާ ކަމަށެވެ. އަދި ކޮންމެ މަހަކު މި ލިމިޓް އާ ވާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިވަގުތު، މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހަމައެކަނި އާއިލީ ހަރަދުތަކަށް ކަމަށް ވެސް އެމްއައިބީން ބުންޏެވެ. ފައިސާ ފޮނުވަންވާނީ އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާގެ މެންބަރެއްގެ އަމިއްލަ ބޭންކު އެކައުންޓަށެވެ.

ރާއްޖެ-އިންޑިއާ ޔޫޕީއައި ކޮރިޑޯގެ ސަބަބުން، ރައްކާތެރި، ފަސޭހަ އަދި އިތުބާރު ހުރި ނިޒާމެއް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ލިބި، އާއިލާތަކަށާއި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ. 

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ރުފިޔާ އެކައުންޓްތަކުން ވަގުތުން އިންޑިއާއަށް ފައިސާ ފޮނުވޭ ހިދުމަތް ތައާރަފްކުރީ އިއްޔެ އެވެ.