ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ދެ ގައުމުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އަދި އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އިތިއޯޕިއާއަކީ އެފްރިކާ ބައްރުން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ހެދި ހަ ވަނަ ގައުމު ކަމަށެވެ. މީގެ ކުރިން ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކު ސޮއިކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމާ އެކު ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މަގުފަހިވާނެ ކަމަށެވެ.
"ދިވެހިރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ގާއިމުކުރެވިފައި މިވަނީ، އިތިއޯޕިއާގެ ގައުމީ އެއާލައިން 'އިތިއޯޕިއަން އެއާލައިންސް' އިން އެ ގައުމުގެ އެޑިސް އަބާބާ އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި. އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާ އެކު އިގުތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު،" މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ.
"އަދި އިތިއޯޕިއަން އެއާލައިންސަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއާލައިން."
އަމީން ވިދާޅުވި ގޮތުގައި އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން، އިތިއޯޕިއަން އެއާލައިން އިން ރާއްޖެ އަށް ދަތުރުތައް ފެށުމަށް އަދި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އެ ގައުމަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވާ އެ އެއްބަސްވުމުން، ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރީގެ ސިނާއަތަށް އިތުރު ފުރުސަތުތަކެއް ހުޅުވޭނެ އެވެ.
ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، އެ ސިނާއަތް ފުޅާކުރުމާ އެކު އިގުތިސޯދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށާއި އެއީ ރާއްޖޭގެ އިގުތިސޯދީ ފުދުންތެރިކަން އިތުރުކުރަން މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރަން ކުރެވޭ މަސައްކަތަށް އިތުރުކުރެވުނު މުހިންމު ބޮޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ ދުނިޔޭގެ އެކި ހަބް-އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.