ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓޫރިސްޓުން އިހްތިޔާރުކުރާނެ ހިތްގައިމު ގުދުރަތީ މަންޒިލްތައް ކިތަންމެ ގިނަޔަސް، ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ގިނަ މީހުންގެ މެދުގައި "ޕްލޭން ބީ" އެއް ނެތެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "މޯލްޑިވްސް ވިޒިޓާ ސާވޭ" ގެ ނަތީޖާއިން ދައްކާ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 78 ޕަސެންޓް މީހުން ޗުއްޓީއަށް ތަނަކަށް ދިއުމުގެ ކުރިން އެހެން އެއްވެސް ގައުމަކަށް ދިއުމާ މެދު ވިސްނާފައެއް ނުވެ އެވެ.

މި ސާވޭއިން ހާމަވާ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަގުވާމީ ޓޫރިސްޓުންގެ ހިތްތަކުގައި އެހެން އެއްވެސް މަންޒިލަކަށް ބަދަލުނުކުރެވޭނެ ފަދަ ހާއްސަ މަގާމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ސާވޭގެ މުހިންމު ނަންބަރުތައް

78 ޕަސެންޓް ޓޫރިސްޓުން ބުނެފައިވަނީ ރާއްޖެއަކީ އެމީހުން އެންމެ ފުރަތަމަ އިހްތިޔާރު ކަމަށެވެ.. 19 ޕަސެންޓް މީހުން ބުނި ގޮތުގައި ރާއްޖެއަކީ އެމީހުން އެންމެ އިސްކަންދޭ މަދު މަންޒިލްތަކުގެ ތެރެއިން އެއް ގައުމު ކަމަށެވެ.. އެހެންވެ، މުޅި ޖުމްލަ 97 ޕަސެންޓް ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ ސީދާ ރާއްޖެ އިހްތިޔާރުކޮށްގެންނެވެ. ރާއްޖެއަށް "ބެކްއަޕް" ނުވަތަ ދެވަނަ އޮޕްޝަނެއްގެ ގޮތުގައި އައީ އެންމެ 3 ޕަސެންޓް މީހުންނެވެ.

ގައުމުތަކުގެ ނިސްބަތުން ރާއްޖެ ފުރަތަމަ އިހްތިޔާރަށް ހެދި މާކެޓްތައް:

އިނގިރޭސިވިލާތް (86 ޕަސެންޓް), އިޓަލީ (83 ޕަސެންޓް), ޗައިނާ އަދި ޖަރުމަނު (81 ޕަސެންޓް), އެމެރިކާ (78 ޕަސެންޓް), ފްރާންސް (76 ޕަސެންޓް), ރަޝިއާ، ސްޕޭން އަދި ސްވިޒަލޭންޑް (73 ޕަސެންޓް), އަދި އިންޑިއާ (69 ޕަސެންޓް).

ރާއްޖެއަށް އައި ދެ ޓޫރިސްޓަކު އެއާޕޯޓު ޖެޓީ މަތީގައި ތިބެ ސެލްފީއެއް ނަގަނީ: ރާއްޖެއަށް އަންނަ ގިނަ މީހުންނަކީ ކަނޑުގެ ރީތިކަން ދެކެލަން ބޭނުންވެގެން އަންނަ މީހުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރާއްޖެއަށް އައި ދެ ޓޫރިސްޓަކު އެއާޕޯޓު ޖެޓީ މަތީގައި ތިބެ ސެލްފީއެއް ނަގަނީ: ރާއްޖެއަށް އަންނަ ގިނަ މީހުންނަކީ ކަނޑުގެ ރީތިކަން ދެކެލަން ބޭނުންވެގެން އަންނަ މީހުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރާއްޖެއާ ވާދަކުރި މަންޒިލްތަކަކީ ކޮބާ؟

ރާއްޖެއަށް އައުމުގެ ކުރިން އެހެން ގައުމަކަށް ދިއުމާމެދު ވިސްނި 19 ޕަސެންޓް ޓޫރިސްޓުންގެ މެދުގައި އެންމެ ބޮޑަށް ވާދަކުރި މަންޒިލްތަކަކީ:

  • ސްރީލަންކާ އަދި ތައިލެންޑް: 12 ޕަސެންޓް
  • ބާލީ (އިންޑޮނީޝިއާ): 10 ޕަސެންޓް
  • ދުބައީ: 9 ޕަސެންޓް
  • މޮރިޝަސް: 8 ޕަސެންޓް
  • ސީޝެލްސް: 7 ޕަސެންޓް
  • ކެރީބިއަން އަދި ބޯރާ ބޯރާ: 5 ޕަސެންޓް - 6 ޕަސެންޓް

ރާއްޖެ އިހްތިޔާރުކުރި މުހިންމު ސަބަބުތައް:

ގުދުރަތީ ރީތިކަމާއި ސާފު އަތިރިމަތި (11 ޕަސެންޓް), ރައްކާތެރިކަމާއި އަމާންކަން (ޕަސެންޓް), އެކަހެރިކަމާއި ޕްރައިވެސީ (ޕަސެންޓް), އަދި ދަތުރުފަތުރުގެ ފަސޭހަކަން (ޕަސެންޓް).

"އެއްފަހަރަކުން ނުފުދޭ" 

ރާއްޖެއަކީ ހަމައެކަނި "ހަޔާތުގައި އެއްފަހަރު" ޒިޔާރަތްކޮށްލަންވީ މަންޒިލެއްގެ ގޮތުގައި އޮތް ތަސައްވުރު މިހާރު ވަނީ ބަދަލުވާން ފަށައިފަ އެވެ.

  •  ރިޕީޓް ރޭޓް 25 ޕަސެންޓުގައި: ރާއްޖެއަށް އަންނަ ކޮންމެ 4 މީހަކުން 1 މީހަކީ ކުރިން ވެސް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މީހުންނެވެ.
  • ތަކުރާރު ދަތުރުތައް: 20 ޕަސެންޓް މީހުން 2-5 ފަހަރާ ދެމެދު އައިސްފައިވާއިރު، 5 ޕަސެންޓް ޓޫރިސްޓުން ވަނީ 6 ފަހަރަށްވުރެ ގިނައިން ރާއްޖެއަށް އައިސްފަ އެވެ. (މީގެ ތެރެއިން 3 ޕަސެންޓް މީހުން 10 ފަހަރަށްވުރެ ގިނައިން އައިސްފައިވެ އެވެ).
  • އަނބުރާ އައުމުގެ އުއްމީދު: ސާވޭގައި ބައިވެރިވި 84 ޕަސެންޓް މީހުން ވަނީ އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ރާއްޖެއަށް އައި ޒުވާން ޓޫރިސްޓުންތަކެއް ލޯންޗަކަށް އަރަނީ: ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އުމުރުފުރައަށް ބަލާއިރު ޖެންޒީންގެ އަދަދު އަންނަނީ އިތުރުވަމުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރާއްޖެއަށް އައި ޒުވާން ޓޫރިސްޓުންތަކެއް ލޯންޗަކަށް އަރަނީ: ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އުމުރުފުރައަށް ބަލާއިރު ޖެންޒީންގެ އަދަދު އަންނަނީ އިތުރުވަމުން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޒުވާން އާބާދީ، ޖެން-ޒީ އަދި ސޯޝަލް މީޑިއާގެ ނުފޫޒު

ސާވޭއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އުމުރުފުރައަށް އައިސްފައިވާ ބަދަލެވެ.

އުމުރުފުރާ މާކެޓް ހިއްސާ:

  • މިލެނިއަލްސް (29 - 44 އަހަރު) 47 ޕަސެންޓް
  • ޖެނެރޭޝަން X (45 - 60 އަހަރު) 24 ޕަސެންޓް. 
  • ޖެނެރޭޝަން Z (28 އަހަރުން ދަށް) 20 ޕަސެންޓް 
  • ބޭބީ ބޫމާސް (61 - 80 އަހަރު) 8 ޕަސެންޓް

ސޯޝަލް މީޑިއާގެ ދައުރު

ޒުވާން މާކެޓް އިތުރުވަމުންދާއިރު، ދަތުރުގެ މައުލޫމާތު ހޯދުމުގައި ސޯޝަލް މީޑިއާ ވަނީ އެންމެ މުހިންމު ވަސީލަތަށް ވެފަ އެވެ.

  • ޖެން-ޒީ (21–28 އަހަރު) ގެ 46 ޕަސެންޓް މީހުން ރާއްޖެއާ ބެހޭ މައުލޫމާތު ހޯދީ ސޯޝަލް މީޑިއާއިންނެވެ.
  • ޗައިނާ މާކެޓުން އަންނަ ޓޫރިސްޓުންގެ 51 ޕަސެންޓް މީހުން ރާއްޖެ އިހްތިޔާރުކުރީ ސޯޝަލް މީޑިއާގެ ނުފޫޒުންނެވެ.
  • ގެސްޓްހައުސްތަކަށް އަންނަ ޒުވާނުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، 20 އަހަރަށްވުރެ ދަށުގެ 36 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ.
މާލޭގައި ޓޫރިސްޓުންނާ އެކު ބަނދަރުކޮށްފައި އޮތް ކްރޫޒް ލައިނާއެއް. .-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާލޭގައި ޓޫރިސްޓުންނާ އެކު ބަނދަރުކޮށްފައި އޮތް ކްރޫޒް ލައިނާއެއް. .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓޫރިސްޓުންގެ ފެންވަރާއި ހަރަދުކުރުމުގެ ގާބިލުކަން

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 60 ޕަސެންޓަކީ މަތީ ފަންތީގެ ވަޒީފާތަކުގައި އުޅޭ ނުވަތަ ވިޔަފާރިވެރިންނެވެ:

  • 32 ޕަސެންޓަކީ "ޕްރޮފެޝަނަލުން" (ޑޮކްޓަރުން، އިންޖިނިއަރުން، އައިޓީ)
  • 26 ޕަސެންޓަކީ ވިޔަފާރިވެރިން ނުވަތަ ކުންފުނިތަކުގެ މެނޭޖަރުން (އިންޑިއާއިން އަންނަ ފަތުރުވެރިންގެ 55 ޕަސެންޓަކީ ޕްރޮފެޝަނަލުން)

 އެންމެ މަގޫބުލު ހަރަކާތްތައް

  1. ސްނޯކްލިން: 67 ޕަސެންޓް
  2. އަރާމުކުރުން: 63 ޕަސެންޓް
  3. ކަނޑުގެ ދިރުންތައް ބެލުން: 54 ޕަސެންޓް

ހިތްހަމަޖެހުން: 10 އިން 10!

ޓޫރިސްޓުންގެ 57 ޕަސެންޓް މީހުން ރާއްޖޭގެ ޗުއްޓީއަށް ދިނީ ސައްތައިން ސައްތަ (10 އިން 10) މާކްސް އެވެ. އަދި 42 ޕަސެންޓް މީހުން ބުނެފައިވަނީ ރާއްޖެއިން ލިބުނު ތަޖުރިބާ އެ މީހުން އުއްމީދުކުރި ވަރަށްވުރެ މާ ފުރިހަމަ ކަމަށެވެ.

މި ސާވޭގެ ނަތީޖާއިން، ދުނިޔޭގެ ޓޫރިޒަމް މާކެޓުގައި ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތް ނަމަވެސް، ދިވެހިރާއްޖޭގެ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓާއި ގުދުރަތީ ރީތިކަމަކީ އެހެން އެއްވެސް މަންޒިލަކަށް ގޮންޖަހާނުލެވޭ ފަދަ ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި ދެމެހެއްޓޭކަން ވަނީ ހާމަވެފަ އެވެ.