ޑުސިޓްޑީޓޫ ރިސޯޓުގެ "ފޭދޫ ހޯލް" ލޯކަލް އިވެންޓުތަކާއި ކައިވެނި ޕާޓީތައް ބޭއްވުމަށް ހާއްސަކޮށްފި އެވެ.

މާލެ ކައިރީގައި އޮންނަ ކުރީގެ ފޭދޫފިނޮޅުގައި ހަދާފައިވާ އެ ރިސޯޓުގެ "ފޭދޫ ހޯލް" ހާއްސަ ކުރަނީ ހާއްސަ އިވެންޓުތަކަށެވެ.

ޑުސިޓްޑީޓޫ ރިސޯޓުގެ އިސްވެރިއަކު ވިދާޅުވީ، އެ ހޯލު އޭރިއާގައި 750 އަށް ވުރެ ގިނަ މީހުންނަށް ހާއްސަކޮށް އިވެންޓުތައް ބޭއްވޭނެ ކަމަށެވެ. ހޯލް އެތެރޭގައި ގާތްގަނޑަކަށް 350 މީހުންގެ ޖާގައިގެ އިވެންޓްތައް ބޭއްވޭއިރު ހޯލްގެ ބޭރު އޯޕަން ޑޯ އޭރިއާގައި 400 އެއްހާ މީހުންނަށް ހާއްސަ އިވެންޓުތައް ބޭއްވެ އެވެ.

ތައިލެންޑްގެ މަޝްހޫރު ހޮޓެލް ބްރޭންޑް ދުސިޓް އިންޓަނޭޝަނަލް އިން ހިންގާ ޑުސިޓްޑީޓޫ ރިސޯޓުގެ ފޭދޫ ހޯލްގައި މީޓިންތަކާއި ކޮންފަރެންސާއި ހާއްސަ ހަފްލާތަކުގެ އިތުރުން ކައިވެނި ހަފްލާ އަދި ބޭރުގެ ފަރާތްތަކަށް ހާއްސަ އިވެންޓްތައް ވެސް ބޭއްވޭނެ އެވެ. 

ފޭދޫ ހޯލް. އެ ހޯލުގައި އައުޓްޑޯ އޭރިއާ އެއްވެސް ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފޭދޫ ހޯލް. އެ ހޯލުގައި އައުޓްޑޯ އޭރިއާ އެއްވެސް ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑުސިޓްޑީޓޫގެ ޖެނެރަލް މެނޭޖަރު ޔޯގޭސްވަރަން ވީރާސަމީ ވިދާޅުވީ، ފޭދޫ ހޯލް ލޯކަލް އިވެންޓްތަކަށް ހުޅުވައިލީ ތަފާތު މާހައުލެއްގައި އިވެންޓުތައް ބޭއްވުމަށް ކަމަށެވެ.

އެއީ އިވެންޓުތައް ފަސޭހަކަމާ އެކު، ބޭއްވޭނެ ހުރިހާ ހިދުމަތްތަކެއް ފަހިވާ ތަނެކެވެ. އިންޑޯ އޭރިއާ އާއި އައުޓްޑޯ އޭރިއާއެއް އޮތުމުން މިއީ ހިތްފަސޭހަ މާހައުލެއްގައި މާލެއާ ކައިރީގައި އިވެންޓުތައް ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށް ޔޯގޭސްވަރަން ވިދާޅުވި އެވެ.

އެ ހޯލް ހުންނަ ސަރަހައްދާ ކައިރީގައި ޖެޓީއެއް ވެސް ހަދާފައިވާތީ، މާލެ އިން އެ ރިސޯޓަށް ގެންދާ ތަކެތި ފަސޭހަކަމާ އެކު ހޯލަށް ގެންދެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. 

ފޭދޫ ހޯލް. އެ ހޯލްގެ ބޭރުގައި 400 މީހުންގެ ޖާގަ އޮންނަ އިރު އެތެރޭގައި 350 މީހުންގެ ޖާގަ ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފޭދޫ ހޯލް. އެ ހޯލްގެ ބޭރުގައި 400 މީހުންގެ ޖާގަ އޮންނަ އިރު އެތެރޭގައި 350 މީހުންގެ ޖާގަ ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖީއެމް ޔޯގޭސްވަރަން ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް ހާއްސަ ގައުމަކަށް ވާއިރު "މައިސް ޓޫރިޒަމް" ނުވަތަ ތަފާތު އިވެންޓުތައް ބޭއްވުމަށް ދާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ރިސޯޓުގެ އަމާޒަކީ އެ ސެގްމެންޓްގެ ބޭނުންކޮށް، ރާއްޖޭގެ ލޯކަލް ހަރަކާތްތައް ވެސް ފުރުސަތު ފަހި ކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ކުރު މުއްދަތުގައި ޑުސިޓްޑީޓޫ ރިސޯޓުގައި ލޯކަލް އަދި އިންޓަނޭޝަނަލް ގިނަ ބޮޑެތި އިވެންޓްތަކެއް ބާއްވާފައިވެ އެވެ. 

ޑުސިޓްޑީޓޫ ހުޅުވައިގެން އަހަރެއްވީ އިރު، މުޅި ރިސޯޓު އެއްކޮށް ބުކް ކޮށްގެން އިންޑިއާގެ ކައިވެނި ހަފްލާއެއް ވެސް ބާއްވާފައިވެ އެވެ. އެއީ އެފަދަ ގޮތަށް ރިސޯޓު އެއްކޮށް ބުކްކޮށްގެން ރާއްޖޭގައި އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އިވެންޓްތަކަށް ހާއްސަކޮށް ޑުސިޓްޑީޓޫ ރިސޯޓުން ވަނީ ހާއްސަ ޕެކޭޖުތަކެއް ކަނޑައަޅާފަ އެވެ. ވެޑިން ޕޭޖުތައް އުޅެނީ ބޮލަކަށް 45 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ ރޭޓުތަކެއްގަ އެވެ. ވެޑިން ޕެކޭޖުތަކުގައި ހޯލް އޭރިއާގެ އަގުތައް ކަނޑައަޅާފައިވަނީ ކޭޓަރިންއާ އެކު އެވެ. 

އުފަން ދުވަސް ފާހަގަ ކުރުމާއި އާއިލީ ހަފުލާތަކަށް ހާއްސަ އަގުތައް އުޅެނީ ބޮލަކަށް 60 ޑޮލަރާއި 95 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. ގާލާ ނައިޓްތަކާއި ކޮކްޓެއިލް އިންވެސްޓްތަކަށް ވެސް ހާއްސަ ޕެކޭޖުތައް ވެސް އެ ރިސޯޓުން އޮޕާ ކުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 5-7 މިނެޓްގެ ތެރޭގައި ދެވޭ ޑުސިޓްޑީޓޫ ރިސޯޓު މީޓިންސް، އިންސެންޓިވްސް، ކޮންފަރެންސް އެންޑް އެގްޒިބިޝަން (މައިސް) ޓޫރިޒަމަށް ހާއްސަ ސެގްމެންޓެއް ތައާރަފް ކުރިއިރު މިދިޔަ ދުވަސްތަކުގައި މުހިއްމު ގިނަ އިވެންޓްތަކެއް ވެސް ބާއްވާފައިވެ އެވެ. އޭގެ ތެރޭގައި އޮފީސްތަކުގެ ހަފްލާތަކާއި ވެޑިން ހަފްލާތައް ވެސް ހިމެނެ އެވެ.