ރާއްޖޭގައި ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާ ދާއިރާގައި ދޭ އައިކެއާއާ އެކު، އޮޕްޓިކަލް ސައިންސްގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު 'ޒައިސް' އިން ޕާޓްނާޝިޕް ގާއިމުކޮށް، ރާއްޖޭގެ 'ޒައިސް ވިޝަން އެކްޕާޓް'ގެ ގޮތުގައި ހަމަޖައްސައިފި އެވެ. 

އައިކެއާއިން ބުނީ މި ޕާޓްނާޝިޕަކީ ދިވެހިންނަށް ދުނިޔޭގެ ފެންވަރުގެ، ލޮލުގެ ފަރުވާ އާއި ޒަމާނީ ލެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އައިކެއާއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕުގެ ސަބަބުން ކޮންމެ ކަސްޓަމަރެއްގެ ބޭނުންތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ 'ޕާސަނަލައިޒްޑް' ހިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ. 

އައިކެއާއަށް ތައާރަފް ކުރި 'ޒައިސް'ގެ ޓެކްނޮލޮޖީ ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައިކެއާއަށް ތައާރަފް ކުރި 'ޒައިސް'ގެ ޓެކްނޮލޮޖީ ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ޕާޓްނާޝިޕް އިއުލާނުކުރުމަށް އައިކެއާއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ އައިކެއާއަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތައްޔާރުކޮށްފައިވާ 'ޒައިސް ވިޒްފިޓް' ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފަ އެވެ. މިއީ 3D ސްކޭން ބޭނުންކޮށްގެން، އައިނު އިހުތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މި ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް އެ ރަސްމިއްޔާތުގެ ބައިވެރިންނަށް ވަނީ ދައްކާލައިފަ އެވެ. 

މި މެޝިންގެ ހިދުމަތުގެ އިތުރުން ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައް ވެސް އައިކެއާއަށް ވަނީ ތައާރަފްކޮށްފަ އެވެ. 

މި ޕާޓްނާޝިޕާ ގުޅޭ ގޮތުން އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އައިކެއާގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އާ އީޖާދުތަކާ އެކު ތަފާތު ހިދުމަތެއް މި ޕާޓްނާޝިޕާ އެކު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ކަމަށް ވެސް ވިދާޅުވި އެވެ.

މި ޕާޓްނާޝިޕާ ގުޅޭ ގޮތުން 'ޒައިސް' އިންޑިއާގެ ހެޑް އޮފް ވިޝަން ކެއާ، ރޯހަން ޕައުލް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުބާރު ހޯދާފައިވާ އައިކެއާއާ އެކު މިފަދަ މަސައްކަތެއް ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އާ އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

އައިކެއާއިން ބުނީ އައިކެއާ އާއި ޒައިސްގެ އަމާޒަކީ، ދިވެހިންގެ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.