ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް ކުންފުނި "ބޭޔަ" ގެ ފާމަސޫޓިކަލް އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާ އެކު ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވެސް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ބައިވެރިވި އެވެ. އެ ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތައާރަފުކުރުމެވެ. ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯމޯނަށް ބަދަލު އަންނަ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރި ކަމަށް އެސްޓީއޯއިން ބުންޏެވެ.

 އެސްޓީއޯއިން ބުނީ ތައާރަފްކުރި ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށެވެ. އެ ފަރުވާތައް ރާއްޖެއަށް ތައާރަފް ކުރީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ  އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.