އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް އައްޔަންކުރި މުހައްމަދު ލަމްއާން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކަޓިވް ޑިރެކްޓަރު (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް އައްޔަންކޮށްފި އެވެ.
އެމްޕީއެލް އިން ވަނީ ލަމްއާން ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔައިފަ އެވެ.
ލަމްއާން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް އައްޔަންކުރީ ކުރިން ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކުރުމަށް ފަހު މިއަދު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ބޯޑަށް ލަމްއާން އައްޔަންކުރެއްވީ ފެބްރުއަރީ 1، 2024 ގަ އެވެ. ލަމްއާން އެމްއޭސީއެލުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އެތަނުން ވަކިވީ އެހެން އެސްއޯއީއަކަށް ބަދަލުވުމަށްޓަކައި ކަމަށް ލަމްއާން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކެޕްޓަން ހުސެއިން ޝަފީގު ވެސް އައްޔަންކޮށްފަ އެވެ. އެމްޕީއެލްގެ އެމްޑީއަކަށް ޝަފީގު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރިޝްވާން މާޗް މަހުގެ ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިފްކޯ، އެމްޕީއެލް، ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ އިސް މަގާމުތަކަށް ވެސް ބަދަލުތައް ވަނީ ގެނެސްފަ އެވެ.