ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު މުވައްޒަފުންގެ ލީޑާޝިޕް ތަރައްގީ ކުރުމަށާއި ޕްރޮފެޝަނަލް އެޑިއުކޭޝަނާއި ގާބިލުކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި އެ ދެ މުއައްސަސާގެ ދެމެދުގައި ސްޓެރެޓިޖިކް ގުޅުން ބަދަހިކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އެކެޑަމީއަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.

އެ އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ފަރުމާ ކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

އޭގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާ ކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

އެ އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ އެ ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ބެންކުން ކުރަމުންދާ މަސައްކަތްތައް ހާމަވެގެންދާ ކަމަށެވެ.

"އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މިދަނީ." ޝަރީފް ވިދާޅުވި އެވެ. 

މިދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑާޝިޕް ޕްރޮގްރާމް ކާމިޔާބު ކަމާއެކު ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސީނިއާ 20 މުވައްޒަފަކަށް އެސްއެމްޔޫއިން ދޭ "އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލްކޮށްފައި ވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓްފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު އެކަޑަމީ މެދުވެރިކޮށް "ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލުކޮށްފަ އެވެ.

އެސްއެމްޔޫ އާއި ބީއެމްއެލްގެ އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާއިރު، އެފަދަ އިތުރު ތަމްރީނުތައް މިހާރުވެސް ކުރިއަށް ދާ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ދަނީ މުވައްޒަފުން ތަރައްގީ ކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓް ކުރަމުންނެވެ. އެއީ ބޭންކުން ގެންނަމުންދާ ހެޔޮ ބަދަލުތަކަށާއި ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެ އެވެ. އަދި ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.