އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 24 ގަޑިއިރު ހިދުމަތް ދޭ އާ އޭޓީއެމްއެއް ހުޅުވައިފި އެވެ.

އެ އޭޓީއެމް ހުޅުއްވައި ދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ރިޒާ އެވެ.

އެމްއައިބީ އިން ބުނީ މިއީ މާލޭގައި ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ބޭންކުގެ ބޭންކިންގެ ހިދުމަތްތަށް ހޯދުމަށް އިތުރަށް ފަސޭހަ ފުރުސަތުތަކެއް ހޯދައިދީ، ހިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހުޅުވި އޭޓީއެމްއެއް ކަމަށެވެ. 

އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަހުމަދު ރިޒާ އޭޓީއެމް ހުޅުވައި ދެއްވަނީ.
އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު، އަހުމަދު ރިޒާ އޭޓީއެމް ހުޅުވައި ދެއްވަނީ.

އެމްއައިބީގެ އާ އޭޓީއެމުން ދިވެހި ރުފިޔާ އާއި ޑޮލަރު ޖަމާކޮށް ނެގޭނެ އެވެ.

އެ އޭޓީއެމް ހުޅުވީ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދަކަށް ވާތީ، ގިނަ ބަޔަކަށް އެމްއައިބީގެ އެކައުންޓު މެދުވެރިކޮށް ފަސޭހައިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެއީ މާލެ އަށް ކައިރި ކުރާ ކަނޑުއުޅަނދުފަހަރު ކައިރި ސަރަހައްދަކަށް ވުމުން ޓޫރިސްޓުންނަށް ވެސް އެމްއައިބީގެ ހިދުމަތްތައް ހޯދުމަށް އިތުރަށް ފަސޭހަވާނެ ކަމަށް ބުންޏެވެ.

އެމްއައިބީގެ އޭޓީއެމްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެ އެވެ. އެ ބެންކުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޭޓީއެމްގެ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.