މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް މަޑުޖެހޭނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ލަފާކޮށްފި އެވެ.
އޭޑީބީގެ މި މަހުގެ އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް ރިޕޯޓުގައި ބުނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތައް ކުރުމުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް ބޮޑުވުމުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި 5.4 ޕަސެންޓުން ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވިޔަސް، މި އަހަރު އެ ރޭޓު އެއް ޕަސެންޓަށް ވެއްޓޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ.
ނަމަވެސް، ހަނގުރާމައިގެ ހާލަތު ނިމުމަކަށް އައިސް ދުނިޔޭގެ އިގުތިސާދު ހަމައަކަށް އެޅުމުން، އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ތިން ޕަސެންޓަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ތެލާއި ކާބޯތަކެތި ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ ފަސް ޕަސެންޓުން އުފުލޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އޭޑީބީން ބުނި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު މި މަހުގެ ތެރޭގައި މި ސަރުކާރުން ދެއްކުމުން ރާއްޖޭގެ ދަރަނީގެ އަދި ފިސްކަލް ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވިޔަސް، ތެލަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ޕްރެޝަރު، ސުކޫކު ދެއްކުމުން ހީނަރުވެފައިވާ ބޭރު ފައިސާ ރިޒާވަށް ކުރާނެ އެވެ.
ސުކޫކު އަނބުރާ ދެއްކުމުން ވެސް، އޭޑީބީން ބުނި ގޮތުގައި، ރާއްޖޭގެ ދަރަނީގެ ނިސްބަތް އަދިވެސް ހުރީ ޖީޑީޕީގެ 130 ޕަސެންޓުގަ އެވެ.
ބޭރުން އިތުރު ދަރަނި ނެގުމުގެ ފުރުސަތުތައް މަދުއިރު، ދައުލަތުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް، އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރަންޖެހޭ ކަމަށް އޭޑީބީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ އެކު، މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް 10 ޕަސެންޓުން ކުރިއެރިކަން ފާހަގަކޮށް، އޭޑީބީގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ހަނގުރާމައިގެ ހާލަތުގައި ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މި އަހަރު ވެސް އިތުރުވާނެ އެވެ.