ވިލާ ކޮލެޖުގެ މާސްޓާ އޮފް އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމްގެ އެޑިއުކޭޝަނަލް ލީޑާޝިޕް އެންޑް މެނޭޖްމަންޓް މޮޑިއުލްއަށް އިނގިރޭސިވިލާތުގެ ދި އިންސްޓިޓިއުޓް އޮފް ލީޑަޝިޕްގެ ރަސްމީ އެޕްރޫވަލް ލިބިއްޖެ އެވެ. 

ދި އިންސްޓިޓިއުޓް އޮފް ލީޑަޝިޕަކީ 75 އަހަރުގެ ދިގު ތާރިހަކާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލީޑަޝިޕް ދާއިރާގައި ހިދުމަތް ކުރަމުން އަންނަ ލީޑަރުންނާއި މެނޭޖަރުންނާއި ފަންނީ މާހިރުން ހިމެނޭ ބައިނަލްއަގުވާމީ އިންސްޓިޓިއުޓެކެވެ. 

ވިލާ ކޮލެޖުން ބުނީ މި ފަދަ އިންސްޓިޓިއުޓަކުން މި ޕްރޮގްރާމް ބަލައިގަތުމަކީ އެ އިންސްޓިޓިއުޓް އިން ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއްކަން ކަށަވަރުވެގެންދާ ކަމެއް ކަމަށެވެ. 

ވިލާ ކޮލެޖުގެ މާސްޓަ އޮފް އެޑިއުކޭޝަނުން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ކޯހަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން ތައުލީމީ ދާއިރާގެ ލީޑަރުންނަށް އަމާޒުކޮށްފައިވާ ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 9 ގެ މާސްޓާޒް ފެންވަރުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ސިފައަކީ ލީޑަޝިޕް ހުނަރުތަކާއި ޕެޑަގޮޖިކަލް ނޮލެޖް އެއް ޕްރޮގުރާމެއްގެ ތެރޭގައި ހިމެނިފައިވުން ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ޕްރޮގްރާމްގައި ސިސްޓަމްސް ތިންކިން ބޭނުންކޮށްގެން ސްކޫލް މާހައުލު ރާވައި ހިންގުމާއި ދިރާސީ ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމާ، ތައުލީމީ ސިޔާސަތުތައް އަމަލީ ގޮތެއްގައި އުނގެނި ތަހުލީލުކުރުން ފަދަ ދާއިރާތައް ފުޅާ ދާއިރާއެއްގައި ކިޔަވައިދެ އެވެ. ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ލީޑަޝިޕާއި މެނޭޖްމަންޓުގެ އަމަލީ ހުނަރުތައް ދަސްވެ، ކޮމިއުނިޓީއާ ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

ދި އިންސްޓިޓިއުޓް އޮފް ލީޑަޝިޕުން މި ކޯހާ ގުޅޭގޮތުން ބުނެފައި ވަނީ މި ޕްރޮގްރާމުގެ މަންހަޖު އެ މުއައްސަސާގެ ޑައިމެންޝަންސް އޮފް ލީޑަޝިޕް ފްރޭމްވޯކާ ގުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، އަމިއްލަ ނަފްސު ދެނެގަތުމާއި ސްޓްރެޓެޖީތައް އެކުލަވާލުމާއި އެކި ހާލަތްތަކާ ގުޅޭ ލީޑަޝިޕް ސްޓައިލްތައް ބޭނުންކުރުމުގެ އިތުރުން ކްރިޓިކަލް ރިފްލެކްޝަން ބޭނުންކޮށްގެން ކަންކަން ނިންމުމާއި ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުން ފަދަ މުހިންމު ދާއިރާތަކުން ބައިވެރިންނަށް އިލްމީ އަދި އަމަލީ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އަމިއްލަ ތަޖުރިބާތަކާ މެދު ފުންކޮށް ވިސްނައި، އިޖުތިމާއީ ދާއިރާގައި ތައުލީމީ ގޮތުން ހެޔޮ ބަދަލު ގެނެވޭނެ ގޮތްތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

މިއީ އަމިއްލަ މަސައްކަތުގެ ފެންވަރާ މެދު ވިސްނައި، އެ ފެންވަރު ކުރިއަރުވަން މަސައްކަތްކުރާ މުދައްރިސުންނާއި ލީޑަރުން ބިނާކުރުމަށް ބާރު އަޅާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ކޯ މޮޑިއުލްތަކުގެ ތެރޭގައި އެޑިއުކޭޝަނަލް ލީޑަޝިޕް އެންޑް މެނޭޖްމަންޓް މޮޑިއުލްގެ އިތުރުން  ޕްރޮމޯޓިން ސަކްސެސްފުލް ލާނިން، އެކްސްޕްލޯރިން އެޑިއުކޭޝަނަލް ޕޮލިސީ އެންޑް ޕާސްޕެކްޓިވްސް، ކަރިކިއުލަމް ޑިޒައިން އެންޑް އިމްޕްލިމެންޓޭޝަން، އެޑިއުކޭޝަނަލް ރިސާޗް، އަދި ޑިޒަޓޭޝަން ހިމެނެއެވެ. ޕްރޮގްރާމުގެ ފުރަތަމަ ސެމިސްޓަ ނިމުމުން، ފުރަތަމަ ތިން މޮޑިއުލް ފުރިހަމަކުރާ ދަރިވަރުންނަށް ޕޯސްޓްގްރެޖުއޭޓް ސެޓިފިކެޓް އިން އެޑިއުކޭޝަން ލިބޭނެ އެވެ. ބާކީ މޮޑިއުލްތައް ފުރިހަމަކޮށް ޑިޒަޓޭޝަން ހުށަހެޅުމުން މާސްޓަ އޮފް އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ހާސިލްކުރެވޭނެ އެވެ. ރިސާޗް ކޮމްޕޯނަންޓުގައި ހާއްސަ ސަމާލުކަމެއް ދީފައި ވަނީ ރިސާޗް މެތޮޑޮލޮޖީގެ ޕްރޮސެސްތަކާއި، އެތިކްސް އާއި ތިއޮރެޓިކަލް ފްރޭމްވޯކްތައް ދެނެގަތުމާއި އަމިއްލައަށް ރިސާޗް ހެދުމަށެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް ދެ ގޮތަކުން ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ޕްރޮފެޝަނަލް ރެކޮގްނިޝަން ލިބިގެންދާނެ ކަމަށެވެ. އެއީ ދި އިންސްޓިޓިއުޓް އޮފް ލީޑަޝިޕުގެ ސެޓިފިކެޓް އޮފް އެޗީވްމަންޓާއި އެ މުއައްސަސާގެ އެސޯސިއޭޓް ގްރޭޑް މެމްބަޝިޕަށް ޝަރުތު ފުރިހަމަވުމެވެ. އޭގެ އިތުރުން ކިޔަވާ މުއްދަތުގެ ތެރޭގައި އެ އިންސްޓިޓިއުޓުގެ ލީޑަޝިޕް އީ-ލާރނިން ޕްލެޓްފޯމާއި އިތުރު ފަންނީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސްކޫލްތަކުގެ ހެޑް އޮފް ޑިޕާރޓްމަންޓް، ޕްރިންސިޕަލް، އަދި ތައުލީމީ ދާއިރާގެ އެކި މެނޭޖީރިއަލް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަން ވިލާ ކޮލެޖުން ފާހަގަކުރެ އެވެ. 

މި ޕްރޮގްރާމާ ގުޅޭ ގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން އަބްދުއްސައްތާރު ވިދާޅުވީ މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަގީގީ ބަދަލު ގެނެވޭ ފެންވަރުގެ ލީޑަރުން ބިނާކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި ޕްރޮގުރާމަށް ދި އިންސްޓިޓިއުޓް އޮފް ލީޑަޝިޕުގެ އެޕްރޫވަލް ލިބިފައިވުމަކީ، މި ޕްރޮގްރާމުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ކަމުގެ ހެއްކެއްކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލާ ކޮލެޖުގެ އުއްމީދަކީ މި ޕްރޮގްރާމުގެ ތެރެއިން ސްކޫލްތަކުގެ ހިންގުމަށް ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެ ލީޑަރުން ތަމްރީނު ކުރެވިގެން ދިއުން ކަމަށެވެ. 

ވިލާ ކޮލެޖުގެ މި ޕްރޮގްރާމަކީ އޮންލައިންކޮށް އަދި ކްލާހަށް ހާޒިރުވެގެން ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަރިވަރުންނަށް ކޮންމެ ހަފްތާއަކު ލެކްޗަރާއިންނާ ބައްދަލުކޮށް ކޮންސަލްޓޭޝަން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ވަޒީފާގައި އުޅެމުން ކިޔަވާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވިލާ ކޮލެޖުން ސިފަކުރެ އެވެ. 

ވިލާ ކޮލެޖުން މިހާރު ހުޅުވާލައިފައިވާ މެއި މަހުގެ އިންޓޭކުގައި މި ޕްރޮގުރާމަށް އެޕްލައި ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު މި ކޯހަށް އެޕްލައި ކުރެވޭނެ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގުޅޭ ދާއިރާއަކުން ބެޗެލާޒް ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މި ޕްރޮގުރާމާއި ގުޅޭ އިތުރު މައުލޫމާތު އެކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.