މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން، ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތުމަށްފަހު، އަންނަ ހަފްތާގައި އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން، ގަތަރު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ދަތުރުތައް އަލުން ފަށާނީ، އޭ350ގެ މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ހަފްތާއަކު ފަސް ދަތުރުކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަމުގެ ސަބަބުން، ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ޓޫރިޒަމަށް އާ ދިރުމެއް ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށް ފިރާގު ވިދާޅުވި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުއަރީ 28ގައި ފެށި ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރަންޖެހި، އެ ސަރަހައްދުގެ ވައިގެ އުދުހުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 30 ޕަސެންޓު އަންނަނީ މެދުއިރުމަތީގެ އެކި ގައުމުތައް މެދުވެރިކޮށް ކަމަށްވާއިރު، ގިނަ ފްލައިޓުތަކެއް ކެންސަލްވުމުގެ އަސަރު ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
މިގޮތުން، އީރާން ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން އިއްޔެ ބޭއްވި ޕްރެސްގައި ތޯރިގް ވިދާޅުވީ، މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް ކަމަށެވެ. އެގޮތުން، މިވަގުތު އިތިއޯފިއަން އެއާލައިނާ އެކު ވެސް ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު މި މަހު ރާއްޖެއަށް ވަނީ 143،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެކެވެ.