ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ގާއިމްކޮށްފި އެވެ.
އެ ފިހާރައިގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ހިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ވިލިމާލޭގެ މުހްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ ނެކްސް ޕްރައިވެޓް ލިމިޓެޑް ފިހާރައާ އެކު ޕާޓްނާވެ، ދިރާގުގެ ހިދުމަތްތައް އެ ފިހާރައިން ދޭން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މާލެ ދަތުރުކުރަން ނުޖެހި، ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ފިހާރައިން ލިބޭނެ ދިރާގުގެ ހިދުމަތްތަކަކީ:
- ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
- ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް
- ޕްރީޕެއިޑް ރީޗާޖުކުރުން
- ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން
އެ ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން، އެ ފިހާރަ މެދުވެރިކޮށް ދިރާގުގެ ލިމިޓެއް ނެތް ފައިބާ 20އެމް އަދި މަތީގެ ޕެކޭޖްތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ހިދުމަތުގެ ސެޓަޕް ހިލޭ ލިބޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.