ޓޫރިޒަމް ދާއިރާ އަށް މާލީ ގޮންޖެހުން ކުރިމަތިވެފައިވާ މި އުނަދަގޫ ދަނޑިވަޅުގައި އެ ދާއިރާ އަށް އެހީތެރިިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އެހީތެރިކަން ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަހައްމަލުކުރާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަަކައި، އެ ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ޓޫރިޒަމް ކުރާ އަސަރުތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ރިސޯޓު އަޮޕަރޭޓަރުންނާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ޓޫރިޒަމާ ގުޅުން ހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާ އެކު މެދުކެނޑުމެއް ނެތި މަޝްވަރާތައް ކުރާ ކަމަށް ރާއްޖޭގެ ގައުމީ ބޭންކުގެ ބަޔާނުގައި ބުންޏެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާ އެކު ސާބިތުވެ ތިބުމަށް. ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ އެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ. އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ. މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދޭ،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.
ބީއެމްއެލުން ބުނި ގޮތުގައި. ރާއްޖޭގެ އިގުތިސާދުގެ މައިތަނބަކީ ޓޫރިޒަމް ކަމަށް ވުމުން، އެ ސިނާއަތު ކުރުއެރުވުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށް ވާއިރު، އެ ބޭންކުގެ މަސައްކަތްތައް ބައްޓަން ކޮށްފައި ވަނީ އެ އަމާޒަށް ވާސިލްވުމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައި ވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތްގާތުން ބަލަމުންދާނެ އެވެ. އަދި ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައި ވެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެ އަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވި އެވެ. މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.