މޯލްޑިވިއަންއިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.
ދަތުރުތައް އަލުން ފެށީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މޯލްޑިވިއަނުން ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލުމަށް ފަހު އެވެ. މިއަދު ޑާކާއަށް ދަތުރުތައް އަލުން ފެށުމާއެކު، މިއަދު ހެނދުނު ޑާކާއިން ރާއްޖެ އައި ފުރަތަމަ ފްލައިޓުގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
މޯލްޑިވިއަންއިން ބުނީ އެ އެއާލައިނުން ޑާކާއަށް އަލުން ދަތުރުތައް ފަށަން ނިންމީ އެ ގައުމަށް ދަތުރުކުރާ ގިނަ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެ ގައުމުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ފިތުރު އީދާއި ގާތްވެފައި ވަނިކޮށް ޑާކާއަށް އަލުން ދަތުރުތައް ފެށުމަކީ އީދު ބަންދުގައި ދަތުރުކުރަން ބޭނުންވާ ދިވެހިންނާއި ބިދޭސީންނަށް ފަސޭހައިން އެ ގައުމަށް ދަތުރުތައް ކުރެވޭނެ ކަމަށް ވެސް އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަން އިން ބުނީ ބަންގްލަދޭޝަކީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކަށްވާތީ އާއި އެކި ބޭނުންތަކަށް ގިނަ ބަޔަކު އަބަދުވެސް ދަތުރުތައް ކުރާ ގައުމަކަށްވާތީ އީދު ބަންދާ ގުޅިގެން އަންނަ ސީޒަނަލް ޕީކުގެ އިތުރުން މުޅި އަހަރުގެ ތެރޭގައި އެ ގައުމަށް އެއާލައިނުން ދަތުރު ކުރާނެ ކަމަށެވެ.
މޯލްޑިވިއަން އިން ޑާކާއަށް ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި އާދިއްތަ ދުވަހެވެ. މޯލްޑިވިއަންއިން ބުނީ ފްލައިޓްގެ ވަގުތުތައް ޝެޑިއުލްކޮށްފައި ވާނީ ރާއްޖެއަށް އަދި ޑާކާއަށް ވެސް ހެނދުނުގެ ވަގުތުތަކުގައި ދެވޭނެ ގޮތަށެވެ. އެއީ އިތުރު ދަތުރުތައް ކުރަންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަސޭހައިން ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި ޑާކާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވަމުންދާތީ، އެ ފަރާތްތަކަށް ރާއްޖޭގެ އެކި ތަންތަނަށް ފަސޭހައިން ދަތުރުކުރަން މަގުފަހިވާނެ ކަމެއްގެ ގޮތުގައި އެ އެއާލައިނުން ފާހަގަކުރެ އެވެ.
މޯލްޑިވިއަންއިން ޑާކާއަށް ދަތުރުތައް ކުރަން ބޭނުންވާ ފަރާތްތަކަށް އެއާލައިންގެ ވެބްސައިޓާއި މޮބައިލް އެޕާއި ކޯލް ސެންޓަރު 1671 އަދި އީމެއިލް މެދުވެރިކޮށް ޓިކެޓު ނެގޭނެ އެވެ. އަދި ބަންގްލަދޭޝްއިން ރާއްޖެ އަންނަން ބޭނުންވާ ފަސިންޖަރުންނަށް ވެސް މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އޭޖެންޓް ކަމަށްވާ ގެލެކްސީ އޭވިއޭޝަންއިން ޓިކެޓިންގެ ހިދުމަތް ލިބޭނެ އެވެ.
ރާއްޖެ އާއި ޑާކާއާ ދެމެދު ދަތުރުކުރަން މޯލްޑިވިއަނުން ބޭނުންކުރަނީ އެ އެއާލައިންގެ އޭ320 މަރުކާގެ މަތިންދާބޯޓެވެ.