ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހާ، އައްޑޫ ވަނީ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި އެ ބޭންކު އޮތީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ދޮރު ހުޅުވާލައިގެން ކަަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އައްޑޫގައި ރަސްމީކޮށް އިފުތިތާހު ކުރުމަށް މިރޭ ހިތަދޫގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ. 

ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާއި ޝަރީފް ވިދާޅުވީ، އިތުރު ރަހުނަކާ ނުލައި، އައްޑޫގައި ގެދޮރު ހެދުމަށް މިހާރު ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ އައްޑޫ މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދުމަށް ހާއްސަ ޕްރޮޑަކްޓެއް ތައާރަފު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫގެ ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލްގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ ލޯނު މިހާރު ލިބޭނެ. އައްޑޫގެ މަސްވެރިންނަށް ވެސް މިހާރު ވަޒީފާ އަދާކުރާ އެހެން މީހުންނަށް ބެންކުން ދޫކުރާ ހުރިހާ ލޯނަކަށް އެދި ހުށަހެޅޭނެ،" އެމްޑީ ވިދާޅިުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އައްޑޫގައި ގެސްޓް ހައުސް އަދި ޓޫރިޒަމް ފުޅާކުރުމަށް ބޭނުންވާ ފަރާތަތްކަށް ވެސް އެ ވިޔަފާރިތަކަށް ލިބޭނެކަމަށް ލަފާކުރާ އަމްދަނީ އަށް ބަލައި ދޫކުރާ ލޯނު ލިބޭނެ ކަމަށެވެ.

"ބޭންކު މި އޮތީ ހުރިހާ ގޮތަކުން ވެސް އައްޑޫގެ ތަރައްގީއަށްޓަކައި އެހީތެރިވުމަށް. މިކަމަށްޓަކައި ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން. ތިޔަ ބޭފުޅުންގެ ބެންކް އަބަދުވެސް އޮންނާނީ ތައްޔާރަށް،" އެމްޑީ ވިދާޅުވި އެވެ. 

މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ ހިދުމަތްތައް އައްޑޫގައި

ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވި ގޮތުގައި މާލެ ފިޔަވައި، އެއް އަތޮޅެއްގައި އެންމެ ގިނަ ބްރާންޗާއި އޭޓީއެމް އަދި ކޮންޓެކްޓް ސެންޓަރަކާ އެކު އެންމެ ގިނަ މުވައްޒަފުންވެސް ތިބީ އައްޑޫގަ އެވެ.

"މި ސިޓީގައި ބޭންކުގެ ވަޒީފާގައި 67 މުވައްޒަފުން އެބަތިއްބެވި. މީގެ އިތުރުން މާލޭގައި ވަޒީފާ އަދާކުރައްވާ މުވައްޒަފުންގެ ތެރޭގައި ވެސް މި ސިޓީގެ ވަރަށް ގިނަ ބޭފުޅުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

"މިގޮތުން މާލޭގައި ވެސް މި ސިޓީ އަށް ނިސްބަތްވާ 140 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރައްވާ. އަދި ބޭންކުގެ ސީނިއާ މަގާމުތަކުގައި އައްޑު އަށް ނިސްބަތްވާ މުވައްޒަފުން ގިނަކަން ވެސް ފާހަގަކުރަން."

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިރޭ ތައާރަފުކުރި ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ޑިވެލޮޕްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އައްޑޫގެ ޑިވެލޮޕަރުންނެވެ.

އައްޑޫގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި އެ ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް (ވ) އަދި ސީއީއޯ ޝަރީފް.---ފޮޓޯ: ނިޝާން އަލީ| މިހާރު
އައްޑޫގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި އެ ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް (ވ) އަދި ސީއީއޯ ޝަރީފް.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މިއީ އައްޑޫއިން ފެންނަ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އުފެއްދުންތެރި ވިސްނުމާއި ގާބިލުކަމުގެ މިސާލެއް،" އައްޑޫ ހިތަދު އަށް އުފަން ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ތަރައްގީ އާއި އައްޑޫ ގުޅިފައިވާ ވަރު ހާމަކުރައްވަމުން އެ ބޭންކުގެ އެމްޑީ ވިދާިޅުވީ، މީގެ 42 އަހަރު ކުރިން ބީއެމްއެލްގެ ދެވަނަ ބްރާންޗުގެ ގޮތުގައި މާލެ އިން ބޭރުގައި ފުރަތަމަ ބްރާންޗެއް ހުޅުވީ ވެސް އައްޑޫގައި ކަމަށެވެ.

އޭނާ ވިދާޅުވީ، އައްޑޫގައި ބޭންކިންގެ ހިދުމަތް ފެށިއިރު، އަމިއްލަ ވިޔަފާރިތަކާއި ފަރުދުންގެ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ލިބުމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެހެންކަމުން،  އޭރު ވެސް އައްޑޫގެ ވިޔަފާރިތަކާއި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިން މިތުރަކަށްވީ ބީއެމްއެލް ކަމަށް ޝަރީފު ވިދާޅުވި އެވެ.