މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 155 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން އެއީ އަހަރެއްގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދަރަނި އިތުރުވަނީ، ސަރުކާރުން ނަގާފައިވާ ލޯނުތަކުން ބޭނުން ކުރާ އަދަދު އިތުރުވަމުންދާ ވަރަކުންނެވެ.
މިދިޔަ އަހަރު އެންމެ ބޮޑަށް ދަރަނި އިތުރުވީ އެންމެ ފަހު ކުއާޓާގެ ތެރޭގަ އެވެ. އެ ކުއާޓާގައި ދަރަންޏަށް ހަތަރު ބިލިއަން ރުފިޔާ އިތުރުވި އެވެ.
ދަރަނީގެ އެންމެ ބޮޑު ބައެއް އިތުރުވީ އެތެރޭގެ ދަރަންޏަށެވެ. އެތެރޭގެ ދަރަންޏަށް ވަނީ ނުވަ ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި ބޭރުގެ ދަރަންޏަށް އެއް ބިލިއަން ރުފިޔާ އިތުރުވި އެވެ. ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުގެ ދަރަނީގެ އަދަދު ހުރީ 78 މިލިއަން ރުފިޔާގަ އެވެ.
ދަރަނީގެ އަދަދު އިތުރުވި އިރު، މިދިޔަ ދެ އަހަރު ވެސް ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެއީ 133 ޕަސެންޓުގަ އެވެ. އޭގެ ތެރެއިން އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 78 ޕަސެންޓުގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 54 ޕަސެންޓުގަ އެވެ.
މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ 159 ބިލިއަން ރުފިޔާގަ އެވެ.