ކުޑަކުދިންނަށް ހާއްސަ ތަފާތު އެކި ކުޅޭ ސާމާނު ވިއްކާ ފިހާރަ "ކޮކީ" އިން "ރަމަދާން ޓޯއި ޑްރައިވް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށައިފި އެވެ.
މިއީ ހަލާކު ނުވެ ހުރި، ބޭނުންކޮށްފައިވާ ތަފާތު ބާވަތްތަކުގެ ކުޅޭ ސާމާނު ކޮކީ ފިހާރަ އަށް ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެކެވެ.
އެ ފިހާރައިން ބުނި ގޮތުގައި އޭގެ މައިގަނޑު ބޭނުމަކީ އާއިލާތަކުން މިހާރު ބޭނުން ނުކުރާ އެކި ކުޅޭ ސާމާނު އެއްލާލުމުގެ ބަދަލުގައި، އެހެން ކުއްޖަކަށް ހަދިޔާކުރުމުގެ ފުރުސަތު ދިނުމެވެ.
މި ހަރަކާތުގެ ދަށުން، އެއްކުރާ ހުރިހާ ކުޅޭ ސާމާނެއް، ބޭނުން ޖެހިފައިވާ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ކުޑަކުދިންނަށް އީދު ހަދިޔާގެ ގޮތުގައި ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށް އެ ފިހާރައިން ބުންޏެވެ.
މިއީ ކުޑަކުދިންނަށް އެ ކުދިންގެ ފެންވަރުގައި ސަދާގަތް ކުރުމަށް ހިތްވަރު ދިނުމާއި އާއިލާތަކުން ބޭނުންނުކޮށް ހުރި ކުޅޭ ސާމާނާއި ހެދުން އަދި ފޮތް ފަދަ ތަކެތި އެކާލުމުގެ ބަދަލުގައި އެ ތަކެތި ބޭނުންވާ ބަޔަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ. އަދި މިއީ މާލީ ތަނަވަސްކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ވެސް ރަނގަޅު އީދު ހަދިޔާއެއް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް "ކޮކީ"އިން ބުންޏެވެ.
މި ޕްރޮގްރާމުގެ "ޑިސްޓްރިބިއުޝަން" އަދި "ބެނިފިޝަރީ ކޯޑިނޭޓަރު" ގެ ގޮތުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި މޮމްސް އެއިޑުން ހަރަކާތްތެރިވާނެ އެވެ.
މި ހަރަކާތަށް ކުޅޭ ސާމާނުގެ އިތުރުން ފޮތާއި ހެދުމާއި ކުޑަކުދިންނަށް ބޭނުން ކުރެވޭނެ އެކި އައިޓަމްތައް ހަދިޔާކުރެވޭނެ އެވެ. ޑޮނޭޝަންގެ ގޮތުގައި ބަލައިގަންނާނީ ހަލާކު ނުވެ ހުރި، ބޭނުން ކުރެވޭ ހާލަތުގައި ހުންނަ ތަކެތި ކަމަށް "ކޮކީ"އިން ބުންޏެވެ.
"ކޮކީ" މި އިސްނެގުމުގައި ބައިވެރިވާ ކުދިންނަށް "ކޮކީ"ގެ "ގުޑް ޑީޑް" ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި އެ ކުދުނިންނަށް "ކޮކީ"ގެ ފިހާރަތުން ވިޔަފާރި ކުރުމަށް މި ރޯދަމަހުގެ ނިޔަލަށް ބޭނުން ކުރެވޭ 10 ޕަސެންޓުގެ ޑިސްކައުންޓު ވައުޗަރެއް ދޫކުރާނެ އެވެ. ދެން ލިބޭނީ "އައި ޑޮނޭޓަޑް" ސްޓިކާއެކެވެ.
މި ކެމްޕެއިންގެ ދަށުން ތަކެތި ހަދިޔާކުރުމުގައި ކުދިންގެ ފަރާތުން އެ ތަކެތި ލިބޭ ކުދިންނަށް ހާއްސަ ނޯޓެއް ހިމެނުމަށް "ކޮކީ"އިން ހިތްވަރުދެ އެވެ. މި ހަރަކާތުގެ ދަށުން ތަކެތި ލިބޭ އަދަދަށް ބަލައި، މާލީ ދަތިކަން ހުރި އާއިލާތަކުގެ ކުދިންނަށް މަދުވެގެން އެ ކަތި ހަދިޔާކުރަން މަސައްކަތް ކުރާނެ ކަމަށް "ކޮކީ"އިން ބުންޏެވެ.
"ކޮކީ"ގެ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލޭގައި ހުންނަ "ކޮކީ"ގެ ފިހާރަތަކަށް ސާމާނުތައް ހަދިޔާ ކުރެވޭނެ އެވެ. އަދި ރަށްރަށުން ހަދިޔާކުރަން ބޭނުންވާ މީހުންނަށް އެތަކެތި ބޯޓަށް އެރުވުމަށް ފަހު، "ކޮކީ"ގެ ޓީމަށް 7811100 މޮބައިލް ނަމްބަރު މެދުވެރިކޮށް އެންގުމުން އެ ޓީމުން އެ ތަކެއްޗާ ހަވާލުވާނެ އެވެ.
ކޮކީގެ ފިހާރަތައް މާލޭގައި ހުންނަނީ އަލިކިލޭގެފާނު މަގާއި މުރަނގަމަގުގެ އިތުރުން ބުރުޒު މަގާއި ކެނެރީ މަގުގަ އެވެ. އަދި ހުޅުމާލެ ނިރޮޅު މަގުގައި ވެސް "ކޮކީ"ގެ ފިހާރައެއް ހުރެ އެވެ.