ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް މި ހަފުތާގެ ތެރޭގައި ރާއްޖެ އެތެރެކުރާނެ ކަމަށާއި އެއާ އެކު، ރޯދަމަސް ފެށޭއިރު ގޭހުގެ މައްސަލަ އެއްކޮށް ހައްލު ވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައި އަށް އައި "ލޮޅުންތަކަކާ" ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް މިހާރު 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ވިއްކަނީ ހަތް ކިލޯގެ ގޭސްފުޅި އެވެ.
އެ ކަމާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން އެމްޑީ ޝިމާދު ވިދާޅުވީ، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ގޭހުގެ މާކެޓު ކުޑަވުމާއި ސްޓޯރޭޖު ދަށްވުމާ ގުޅިގެން އަބަދުވެސް މައްސަލަ ދިމާވާ ކަމަށެވެ. އެއީ އާންމު މުދާ ގެންނަ ގޮތަށް ގެނެވޭނެ އެއްޗަކަށް ނުވުމާ އެކު، މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި، ގޭހުގެ އާ ޝިޕްމަންޓެއް މޯލްޑިވް ގޭހުން ވަރަށް އަވަހަށް ރާއްޖެ އެތެރެކުރާނެ އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ރަމަޟާން މަސް ފެށޭއިރުގައި ކުރިން ވެސް ދޫކުރި ގޮތަށް 10 ކިލޯގެ ގޭސްފުޅިތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގެ،" ޝިމާދު ވިދާޅުވި އެވެ.
"ރޯދަމަހު ބަރާބަރަށް 10 ކިލޯގެ ގޭސްފުޅި ލިބެމުންދާނެ."
އެސްޓީއޯ އިން ކުރިން ބުނެފައި ވަނީ ގޭހަށް ނުޖެހޭ ކަމަށާއި މެނޭޖު ކުރެވޭ ވަރަށް ގޭސް އެބަހުރި ކަމަށެވެ.
އެކި ސަބަބުތަކާ ހެދި އޭޝިއާގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ސަޕްލައި ތާށިވެ އާންމުންނަށް ދަތިތަކާ ކުރިމަތިވާން ފަށާފައިވާތާ ދުވަސްތަކެއް މިހާރު ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ވެސް ހިމެނެ އެެވެ.