އެމްއޭސީއެލް އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން ތިން ދާއިރާއަކުން 22 އެވޯޑެއް ދީފި އެވެ.
"ވެލާނާ އެވޯޑްސް"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ރޭ ބޭއްވި ހަފްލާގައި ދިން އެ އެވޯޑަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އެފަދަ އެވޯޑެވެ. އެ އެވޯޑުގައި އެއާލައިން އޮފް ދަ އިޔާ ލިބުނީ އެތިހާދު އެއާވޭސްއަށެވެ. އަދި ފްރައިޓާ އޮފް ދަ އިޔާ ލިބުނީ އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް އަށެވެ.
މީގެ އިތުރުން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި ޓީއެމްއޭ އާއި މަންތާ އެއާލައިނަށް ވެސް އެވޯޑުތައް ލިބިފައިވެ އެވެ.
ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަ ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ދޭން ފެށި އެވޯޑެކެވެ. ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންޗކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެ އެވޯޑު ދޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލްއާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިބޭ ކުންފުނިތަކުގެ ޕާޓްނަރުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާ ފާޅުކުރުން ކަމަށެވެ.
އޮޕަރޭޝަނަލް ކުރިއެރުމަކީ އެމްއޭސީއެލްގެ ކާމިޔާބީ ވަޒަންކުރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށްވީ ނަމަވެސް ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރު އިތުރުކުރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެމްއޭސީއެލްގެ ދައުރު ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ކުންފުނި ކުރިއަށް ގެންދިއުމުގައި ބައިވެރިވާ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި ވެސް ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.