ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑާމައެސްތެޓިކް ހިދުމަތްތަކުގެ ތެރެއިން، އާ ފަރުވާއެއްގެ ގޮތުގައި ޕްލޭޓްލެޓް-ރިޗް ޕްލާޒްމާ (ޕީއާރުޕީ) ތެރަޕީ ތައާރަފުކޮށްފި އެވެ.

އެއީ ހިދުމަތް ލިބޭ ފަރާތުގެ ލޭގައި ހުންނަ ބާވަތްތައް ބޭނުންކޮށްގެން ދެވޭ ފަރުވާއެކެވެ. އެ ފަރުވާގައި ހިދުމަތް ލިބޭ ފަރާތުގެ ލޭގައި ހުންނަ ޕްލޭޓްލެޓްތައް ވަކިކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު އޭގެ އަދަދު އިތުރުކުރެ އެވެ.

މިގޮތަށް ވަކިކުރެވޭ ޕްލޭޓްލެޓްތަކަކީ ގްރޯތް ފެކްޓާތައް ހިމެނޭ މާއްދާތަކުން މުއްސަނދިވެފައިވާ ބައެކެވެ. އޭގެ ސަބަބުން ހަލާކުވެފައިވާ ސެލްތައް ރިޕެއާކުރުމަށް އެހީވެދީ، ކޮލަޖެން އުފެއްދުމާއި ޓިޝޫތައް އަލުން ރީޖެނެރޭޓްކުރަން އެހީވެދެ އެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކުރި ޕީއާރުޕީ ހިދުމަތުގެ ދަށުން އިސްތަށި ފެޅުމަށް ހާއްސަކޮށް ދޭ ޕީއާރުޕީ އާއި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދޭ ޕީއާރުޕީ ހިދުމަތް ލިބޭނެ އެވެ. 

އިސްތަށި ފެޅުމަށް ދޭ ޕީއާރުޕީގެ ސަބަބުން އިސްތަށި ފަޅާ ވަޅުތަކަށް ބާރުދީ، އިސްތަށި ފެޅުމަށް އެހީތެރިވެދީ، އިސްތަށިގަނޑު ބޯވުމަށް އެހީވެދެ އެވެ. އަދި ބިހި ނެގުމުގެ ސަބަބުން އުފެދޭ ލަކުނު ފިލުވުމަށް ދޭ ޕީއާރުޕީއިން އެކްނީ ސްކާރިން ކުޑަކޮށްދީ، ހަމުގެ ޓެކްސްޗާ އިތުރަށް ރަނގަޅު ކޮށްދީ އަދި ހަންގަނޑު އޮމާން ކޮށްދިނުމުގައި އެހީވެދެ އެވެ. 

ޑާމައެސްތެޓިކް ހިދުމަތްތަކަށް ޕީއާރުޕީ ތައާރަފްކޮށްފައި ވާއިރު، އެ ހޮސްޕިޓަލުން ދަނީ ހުޅުގެ ބަލިތަކަށް ޕީއާރުޕީ އިންޖެކްޝަންގެ ފަރުވާ ދެމުންނެވެ. އެއީ ހުޅުގެ ބަލިތައް ގުދުރަތީ ގޮތުން ފަސޭހަވުން އަވަސްކޮށްދީ އަދި ދުޅަވުން ކުޑަކޮށްދީ އަދި ހުޅުގެ މަސައްކަތް ހަރުދަނާކުރުމަށް ދެވޭ ފަރުވާއެކެވެ. އޭގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސް އާއި ޓެންޑޮނައިޓިސް އަދި ލިގަމެންޓަށް ލިބޭ އަނިޔާތައް ހިމެނެ އެވެ.

ޓްރީ ޓޮޕްއިން ބުނީ ޕީއާރުޕީ ހިދުމަތް ތައާރަފް ކުރުމަކީ ބަލިމީހުންނަށް އިސްކަންދީގެން އާ އަދި ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްއިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ޕީއާރުޕީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ނަމްބަރު 3351610 އިން އެކަމާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.