މިއަހަރު ބާއްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" އަދި "ޖީއެމް ފޯރަމް" ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
އެއީ ހޮޓެލިއާ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވާ ދެވަނަ އަހަރެވެ. އެ ޕާޓްނާޝިޕް އާ ކުރީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިޔަތުގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒަކީ އެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން ދާއިރާގެ އިސްވެރިންގެ މެދުގައި ބިނާކުރަނިވި އަދި މާނަހުރި މަޝްވަރާތަކަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ފާހަގަ ކުރުމަށް ބާއްވާ އެ ސިލްސިލާގެ ތިންވަނަ އެވޯޑް ހަފުލާ އެވެ. އެއީ އެ ދާއިރާގައި ހަރަކާތްތެރިވާ ވަކިވަކި މުވައްޒަފުންނާއި ޓީމުތަކުގެ އަގުވަޒަން ކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑް ޕްރޮގްރާމެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑާ އެކު މިއަހަރު ބާއްވަނީ ޖީއެމް ފޯރަމުގެ 12 ވަނަ އެޑިޝަނެވެ. އެ ފޯރަމަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިން އެއްތަނަކުން ބައްދަލުވާ އެންމެ މުހިންމު އެއް ހަރަކާތެވެ.
އެ ފޯރަމަކީ ޓޫރިޒަމް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ލީޑަޝިޕް ހުނަރުތައް ތަރައްގީކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ހުޅުވާލައިދޭ މުހިންމު ހަރަކާތެކެވެ.
އެ ދެ ހަރަކާތާއި ގުޅޭގޮތުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުން ބިނާވެފައިވަނީ އެ ދާއިރާގެ ފަހަތުގައި ތިބި ހީވާގި މަވައްޒަފުންގެ މައްޗަށް ކަމަށެވެ. އެގޮތުން 'ހޮޓެލިއާ މޯލްޑިވްސް' އާއެކު ދިރާގުން އޮތް ގުޅުން ދެމެހެއްޓުމަކީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްބާރުލުން ދިނުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ހޮޓެލިއާ މޯލްޑިވްސްގެ އެޑިޓަރު އަލީ ނާފިޒް ވަނީ ދިރާގުން ޕާޓްނާޝިޕް އާ ކޮށްފައި ވާތީ އެ ހަރަކާތަށް ދިރާގުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ދިރާގުން ދަނީ އިގްތިސާދާއި ގުޅުން ހުރި އެކި ދާއިރާތައް ތަރައްގީކުރުމުގެ ގޮތުން ބާއްވާ އެކި ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.