ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު، މީރު މަޝްހޫރު ގިނަ ކެއުންތައް ހުރެ އެވެ. އެއިން ކޮންމެ ކެއުމަކީ ނުވަތަ ރަހައަކީ އެ ރަށަކަށް ހާއްސަ އެއްޗެކެވެ. މިފަދަ އެކި ކެއުންތަކަކީ ދިވެހި ސަގާފަތުގެ މުހިންމު ބައެކެވެ. މޯލްޑިވްސް އިސްލާމިކް ބެންކުން މި އަހަރުގެ ކަލަންޑަރު ހާއްސަ ކުރީ މިފަދަ އެކި ރަހަތަކަށެވެ. 

އެމްއައިބީގެ ކަލަންޑަރު.
އެމްއައިބީގެ ކަލަންޑަރު.

އެމްއައިބީން މި އަހަރަށް ނެރުނު ކަލަންޑަރުގައި ކޮންމެ މަހަކަށް ވެސް ހާއްސަ ކޮށްފައި ވަނީ ރާއްޖޭގެ ކޮންމެވެސް އެއް ރަށަކަށް މަޝްހޫރު ކެއުމެކެވެ. އެ ކެއުމެއްގެ ފޮޓޯ އަދި އެއާ ގުޅޭ މައުލޫމާތު ކަލަންޑަރުގައި ހިމަނާފައި ވާއިރު، މި ކެއުންތަކުގެ ސަގާފަތްތައް ދިރުވުމުގެ ގޮތުން، އެމްއައިބީން މި ކެއުންތަކުގެ ރެސިޕީ ވީޑިއޯތައް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. މިއީ ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކުރުމުން ފެންނާނެ ވީޑިއޯތަކެކެވެ. 

މި ކަލަންޑަރުގައި ހއ. އުތީމުގެ މަޝްހޫރު ކަނަމަދު މެޓާ، ހދ. ކުޅުދުއްފުށީގެ ހާލު ފޮޅި، ބ. އޭދަފުށީގެ ބަތްޕެން އަދި އައްޑޫ ބޮނޑި ފަދަ އެކި ތަކެތި ހިމެނެ އެވެ.

އެމްއައިބީން ބުނީ މި ކަލަންޑަރަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް އާ ޖީލުތަކާއި ހަމައަށް ގެނެސްދީ، ދިވެހިންގެ އަމިއްލަވަންތަކަން ދިރުވައި، ދިވެހި ސަގާފަތް ދިރުވުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި މަޝްހޫރު އެކި ކެއުންތައް ތައްޔާރުކުރުމަށް އާއްމުންނަށް ހިތްވަރުދިނުން ކަމަށް ވެސް ބުންޏެވެ.