އެލައިޑް އިންޝުއަރެންސްއިން މިއަދު ފާހަގަކުރާ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެލައިޑުގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުުވުމުގައި އިއުލާންކުރި އެ ޕްރޮމޯޝަނުގައި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮމްޕްރިހެންސިވް މޮޓޯ ޕްލޭން ހިޔާރުކުރާ ކަސްޓަމަރުންނަށް 25 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.
އެއީ ހަމައެކަނި ސައިކަލަށް ދޭން ހަމަޖެހިފައިވާ ޑިސްކައުންޓެކެވެ. އެލައިޑުން ބުނީ އެ ޕްލޭން އަލަށް ހިޔާރުކުރާ ކަސްޓަމަރުންނަށާއި ޕްލޭން ރިނިއު ކުރާ ކަސްޓަމަރުންނަށް ވެސް އެ ޑިސްކައުންޓު ލިބޭނެ ކަމަށްވެ.
އެލައިޑްގެ އަހަރީ ދުވަހާ ގުޅިގެން މިއަދު އެލައިޑުގެ ފްރަންޓް އޮފީހަށް ޒިޔާރަތްކުރާ ފުރަތަމަ 41 ކަސްޓަމަރުންނަށް ހާއްސަ ގިފްޓް ޕެކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މިއަހަރު ވެސް އެލައިޑުން އާއްމުންނަށް ކަޕްކޭކު ހަދިޔާ ކުރުމުގެ ހަރަކާތް ވެލާނާ ބިލްޑިން ކައިރީގައި ކުރިއަށް ދާނެ އެވެ.
އެލައިޑުގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ޗީފް އަންޑާރައިޓިން އޮފިސަރު އިއުލިއާނާ ރުސޭ ވަނީ އެކުންފުނީގެ އާ ލޯގޯ ލޯންޗްކޮށް ދެއްވައިފަ އެވެ. އެ ލޯގޯއަކީ ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބޭނުންކުރަން ފަސޭހަ އަދި މިހާރުގެ ޑިޒައިންތަކާ ގުޅޭގޮތަށް ލޯގޯއެެކެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލިއާނާ ވަނީ މިދިޔަ އަހަރަކީ އެލައިޑަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ 26 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުން ބޭނުންވާނެ ފަދަ ތަފާތު ޕްލޭންތަކަކާއެކު، އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އިއުލިއާނާ ވަނީ މިދިޔަ އަހަރު އާއްމުންގެ މެދުގައި އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތަކާއި އިންޝުއަރެންސް ޕްލޭންތަކަށް އަހުލުވެރި ކުރުމުގެ މުހިންމު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން އެލައިޑުން ކޮންމެ އަހަރަކު ވެސް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ "ރައްކާ ރޯޑް ސޭފްޓީ އެވެއާނަސް ކެމްޕެއިން" ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ލުވޭޒެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލީސް އިސްމާއިލް ނަވީން އެވެ.
ލުވޭޒް ވަނީ ރޯޑް ސޭފްޓީ ޕްރޮގުރާމުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކުންފުނިން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ޕްރޮގުރާމުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެ އިނިޝިއޭޓިވްގެ ދަށުން ހިންގާ އެކި ޕްރޮގުރާމުތަކުގެ ދަށުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރި ކުރުވުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެލައިޑާ ގުޅިގެން ފުލުހުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ފެށީ 2015 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމުގެ ދަށުން ސްކޫލު އަދި ކޮލެޖު ދަރިވަރުންނާއި ބެލެނިވެރިން އަދި އޮފީސްތަކަށް ވެސް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވަނީ ހިންގައިފަ އެވެ.