އިންސްޕެކްޝަނަކަށް ކަމަށް ބުނެ، ތުރުކީގައި ހުންނަ ޓޭމޫ އޮފީހަށް ކަމާގުޅޭ އިދާރާއިން ވަދެއްޖެ އެވެ.
ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް، ޓޭމޫއަށް އެ ގައުމުގެ ސަރުކާރުން ނުހައްގުން ސަބްސިޑީ ދޭތީ، އެކި ގައުމުތަކުގެ ކުދި ވިޔަފާރިތަކަށް ގެއްލުންވެ، ވާދަވެރިކަން ގެއްލޭ ކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ޔޫރަޕުގައި ހުންނަ ޓޭމޫގެ މައި އޮފީހަށް ވަނީ ކަމާގުޅޭ އިދާރާތަކުން ވަނީ ވަދެފަ އެވެ.
ޓޭމޫގެ އޮފިޝަލަކު ވިދާޅުވީ، ތުރުކީގެ ކަމާގުޅޭ އިދާރާތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
ފާސްކުރި ސީދާ ސަބަބެއް އެ ކުންފުނިން ނުބުންޏަސް، އެ އޮފީހުގައި ހުރި ލެޕްޓޮޕްތަކާއި ކޮމްޕިޔުޓަރުތައް ގެންގޮސްފައިވާ ކަމަށް އެ އޮފިޝަލް ޔަގީންކޮށްދިނެވެ.
ނަމަވެސް، ތުރުކީގެ ކަމާ ގުޅޭ އިދާރާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެ އިދާރާއިން ބުނީ، ޓޭމޫގެ އޮފީހަށް ވަނީ އޮން-ސައިޓް އިންސްޕެކްޝަނަކަށް ކަމަށެވެ. އަދި އެ ކުންފުންޏާ ދެކޮޅަށް ރަސްމީކޮށް ތަހުގީގެއް ނުފަށާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޗައިނާގެ ޕީޑީޑީގެ ދަށުން ހިންގާ ޓޭމޫ އަކީ، ސްމާޓްފޯނުން ފެށިގެން އަންނައުނު ފަދަ ގިނަ މުދާ، ވަރަށް ހެޔޮ އަގުގައި ވިއްކާ އޮންލައިން ޕްލެޓްފޯމެކެވެ.
އޮންލައިންކޮށް ގަންނަ މުދާ ޗައިނާއިން ސީދާ ފޮނުވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ކަސްޓަމަރުންނަށެވެ.
އެކަމުގައި، ކުދި ޕާރުސަލްތަކުން ނަގާ ކުޑަ ޑިޔުޓީގެ ނާޖާއިޒު ފައިދާ، އެ ކުންފުނިން ނަގާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އެކަމުގެ ސަބަބުން، އެ ގައުމެއްގައި ޜީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަހަމަ މާހައުލެއްގައި، ޓޭމޫއާ ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ވިޔަފާރިތަކުން ދަނީ ބުނަމުންނެވެ.
މި ޝަކުވާއާ ހެދި އީޔޫން ވަނީ 150 ޔޫރޯއަށް ވުރެ އަގު ދަށް ޕާރުސަލްތަކަށް ޑިއުޓީ މާފުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފަ އެވެ.
ތުރުކީންވެސް ވަނީ 30 ޔޫރޯއާ ހަމައަށް ޑިޔުޓީ ނުނަގާ ޕާރުސަލްތައް ފޮނުވޭ ގޮތަށް އޮތް އޮތުން އަންނަ މަހުން ފެށިގެން ނިމުމަކަށް ގެންނަން ނިންމައިފަ އެވެ.