މިއަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 15 ޕަސެންޓް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ޓޫރިސްޓުން އެންމެ ގިނައިން އައީ ޔޫރަޕްގެ މަންޒިލްތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު އުޅެނީ ޖުމްލަ ޓޫރިސްޓުންގެ 55 ޕަސެންޓަށް ވުރެ މަތީގަ އެވެ.
އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 9،100 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ޖުމްލަ ޓޫރިސްޓުންގެ 21 ޕަސެންޓެވެ.
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން ވަނީ 7،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް އައީ 1،200 ޓޫރިސްޓުންނެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައި ގައުމުތައް
- ރަޝިއާ
- އިޓަލީ
- އިނގިރޭސިވިލާތް
- ޖަރުމަނު
- އެމެރިކާ
- ޗައިނާ
- އިންޑިއާ
- ކަޒަކިސްތާން
- ރޯމޭނިއާ
- ޕޮލެންޑް
ޕޮލެންޑް ފިޔަވައި ލިސްޓުގެ ހުރިހާ ގައުމަކީ މިދިޔަ އަހަރުގެ ވެސް ފުރަތަމަ ހަފްތާގައި އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކެވެ. މިދިޔަ އަހަރު ޕޮލެންޑްގެ ބަދަލުގައި އެ ލިސްޓުގައި އޮތީ ފްރާންސެވެ.
މިއަހަރުގެ މިހާތަނަށް 43،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 37،000 ޓޫރިސްޓުންނެވެ.
ރާއްޖެއަށް އައި ޓޫރިސްޓުންގެ 98 ޕަސެންޓް އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭގެ އިތުރުން މާފަރާއި ގަން އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ވެސް ޓޫރިސްޓުން ރާއްޖެއަށް އެތެރެވެފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ހަފްތާގައި ދުވާލަކު އެވްރެޖުކޮށް 7،300 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ރާއްޖެއަށް އައި ޓޫރިސްޓުންގެ 69 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ.