މި އަހަރު ނިމޭ އިރު ދައުލަތުގެ ރިޒާވް 904 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ނިމުނު 2025 ވަނަ އަހަރު ރިޒާވްގައި 849 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކުރި އެވެ. ރިޒާވްގައި 2024 ވަނަ އަހަރު ނިމުނު އިރު ހުރީ 674 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ރިޒާވް އެހާ ބޮޑަށް ރަނގަޅުވީ، ޓޫރިޒަމް ދާއިރާއިން ބޭންކްތަކަށް ޑޮލަރު މާރުކުރާ ވަރު އިތުރުވުމާއި ކަރެންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ.
އެމްއެމްއޭ އިން ބުނީ، މިދިޔަ އަހަރު ބޭރު ފައިސާގެ ގާނޫނުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވި ކަމަށެވެ.
މި އަހަރު އޭޕްރީލްގައި ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރަން ނިންމާފައިވާ އިރު، އެ ފައިސާއާ އެކު ވެސް ރާއްޖެއަށް ވަންނަ ޑޮލަރު ކުރު މުއްދަތަކަށް އިތުރުވެގެންދާނެ އެވެ.
އެމްއެމްއޭ އިން ބުނީ، ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް އިންތިހާއަށް ބަރޯސާވެފައިވާ އިރު، ބޭރުގެ އިގްތިސާދީ ހަރަކާތްތަކާއި ނިންމުންތަކުގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން ޔޫއެސް ޓްރޭޑް ޕޮލިސީއާ އެކު އިންވެސްޓްމެންޓްތަކަށް އަސަރު ކުރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ. އަދި ފިސްކަލް ހާލަތު ރަނގަޅު ނުވުމުގެ ސަބަބުން، މާލީ ގޮތުން އިތުރު ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ލަފާކުރާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 5.4 ޕަސެންޓާ ދެމެދުގައި ކުރިއަރާފައިވެ އެވެ. އިގްތިސާދު ކުރިއެރީ ޓޫރިޒަމް ދާއިރާ އާއި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ކުރިއެރުމުގެ ސަބަބުންނެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރަނީ 4.8 ޕަސެންޓާއި 5.3 ޕަސެންޓާ ދެމެދުގަ އެވެ.