ބައެއް ފަހަރު އަހަރެމެންނަށް ދިމާވާ ކަމަކީ ގޭގައި އެއްޗެއް ހަލާކުވެގެން ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކޮށްލަން ވެސް އެކަމަކާ ގުޅޭ މީހަކު ހޯދަން އުނދަގޫވުމެވެ. ކްރިއޭޓިވް އެކި ދާއިރާތަކަށް ހާއްސަ ހުނަރުވެރި ދިވެހިން ތިއްބަސް އެ މީހުންނާ ހަމައަށް ވާސިލް ވުމުގައި އުނދަގޫތަކެއް ދިމާވެ އެވެ. މެއިންޓަނެންސް މަސައްކަތުން ފެށިގެން އެކައުންޓިން އާއި ޓެކްސްގެ ނިޒާމާއި އިދާރީ ކަންކަމަށް ވެސް ގާބިލް ދިވެހިން ގިނަ އެވެ. އެކަމަކު މައްސަލައަކީ އެ މީހުން ހޯދުމެވެ.

ދިވެއްސަކު އިސްވެ އެފަދަ މީހުން ހޯދައިދޭނެ ޕްލެޓްފޯމެއް އަހަރެމެންނަށް ގެނެސްދީފި އެވެ. އެއީ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ހޯދާ މީހުންނާ ގުޅުވައި ޕްލެޓްފޯމެކެވެ. "ޓާސްކިން" ގެ ނަމުގައި އިއްޔެ އިފުތިތާހުކުރި އެޕަކީ އެ ޕްލެޓްފޯމެވެ.

"ޓާސްކިން"ގެ ސީއީއޯ އަދި ފައުންޑަރު ދީމާ ފާކިރު ވިދާޅުވީ، އެއީ ދިވެހިންގެ ތެރޭގައި ތިބި ގާބިލް ޒުވާނުންނާއި މަސައްކަތްތެރިންނަށް ފުރުސަތު ހޯދައިދޭނެ އެޕެއް ކަމަށެވެ.

"ވަރަށް ގާބިލު ޒުވާނުން އެބަތިބި. އެކަމަކު ޒުވާނުންގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރާނެ ފުރުސަތު ނުލިބި އަންއެމްޕްލޯއިޑް އެތައް ބަޔަކު އެބަތިބި. ބޭނުން ވަނީ މިފަދަ ފަރާތްތަކަށް އަމިއްލަ މަސައްކަތް ކުރެވޭނެ ދޮރެއް ހުޅުވައިދިނުން،" ދީމާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި ޓާސްކިން އެޕްގެ ލޯންޗިން އިވެންޓުގެ ތެރެއިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލޭގައި އިއްޔެ ބޭއްވި ޓާސްކިން އެޕްގެ ލޯންޗިން އިވެންޓުގެ ތެރެއިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ދިވެހި ފަންނުވެރިން ގިނަ އެތައް ދާއިރާއެއްގައި އެ މަސައްކަތަށް ގާބިލު ދިވެހިން ހޯދޭނެ މަގެއް ނެތުމުން ބިދޭސީންނަށް ދޭ އެފަދަ މަސައްކަތްތައް ވެސް ކުރެވޭނެ ދިވެހިން މި އެޕުން ހޯދޭނެ އެވެ. އެގޮތުން އާއްމުކޮށް ގެއަށް ބޭނުންވާ އެކި ހިދުމަތްތައް ދޭ ދިވެހި މަސައްކަތްތެރިން މި ހާއްސަ އެޕުން ހޯދޭނެ ކަމަށާއި މިއީ ބިދޭސީން މިހާރު ޑޮމިނޭޓު ކުރާ އެކި ދާއިރާތައް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލުމުގެ ފުރުސަތު ހޯދައި ދޭނެ ޕްލެޓްފޯމެއް ކަމަށް ދީމާ ވިދާޅުވި އެވެ.

މިދިޔަ މަހެއްހާ ދުވަހަށް އެކަނި ބެއްޔަސް ޓާސްކިން އެޕަށް 1،000 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ކޮށްފި އެވެ. އެއީ މުޅިން ވެސް އެ މަސައްކަތަކަށް ހުނަރުވެރި ދިވެހިންނެވެ. އޭގެ ތެރޭގައި ގެއަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދޭނެ މީހުންނާއި އެކި އޮފީސް މަސައްކަތްތައް ކުރާނެ މީހުންނާއި ޓެކްނިކަލް އެކި ދާއިރާތަކާއި ކްރިއޭޓިވް ދާއިރާތައް ވެސް ހިމެނޭ ކަމަށް ދީމާ ވިދާޅުވި އެވެ.

"އެންމެ މަހެއްގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް މިފަދަ ޕްލެޓްފޯމެއް ރާއްޖެ އަށް ބޭނުންވެފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެ. އެޕްގެ ޕްރީ ރެޖިސްޓްރޭޝަނުގައި ވެސް 1،000 އަށް ވުރެ ގިނަ މަސައްކަތްތެރިން މި ޕްލެޓްފޯމަށް ރަޖިސްޓަރީ ވެފައިވޭ. އޭގެ ތެރޭގައި އާއްމުކޮށް ބޭނުންވާނެ ހުރިހާ ދާއިރާއެއްގެ މީހުން ވެސް އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.

"ޓާސްކިން" އަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ތައާރަފްކުރި އެޕެކެވެ. މި އެޕު މެދުވެރިކޮށް "ޓާސްކާސް" ނުވަތަ ސާވިސް ޕްރޮވައިޑަރުންގެ ގޮތުގައި މިހާރު ވެސް ރާއްޖޭގެ އެކި ރަށްރަށުގެ މަސައްކަތްތެރިން ވެސް ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

މި އެޕަކީ ހިދުމަތް ދޭ ފަރާތްތަކާއި ހިދުމަތް ބޭނުންވާ ކަސްޓަމަރުން ގުޅުވައި ދޭނެ ރައްކާތެރި ޕްލެޓްފޯމަކަށް ހެދުމަށް "ޓާސްކިން"ގެ ޓީމުން ކޮންމެ "ޓާސްކާ" އެއް ވެސް ވެރިފައި ކުރެ އެވެ. އަދި އެޕު ބޭނުން ކުރުމަށް ކަސްޓަމަރުން މޮބައިލް ނަމްބަރު ބޭނުންކޮށް، ރަޖިސްޓަރީ ކުރަން ޖެހެ އެވެ.

"ޓާސްކިން" އަކީ އާމްދަނީ އިތުރުކުރުމަށް ބޭނުންވާ ޒުވާނުންނަށް އޮތް އުއްމީދީ މަގެއް ކަމަށް އެ އެޕްގެ ފައުންޑަރު ދީމާ ވިދާޅުވި އެވެ.

ޓާސްކިން އެޕާ ގުޅޭ މައުލޫމާތު ހުޅުމާލޭގައި އިއްޔެ ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޓާސްކިން އެޕާ ގުޅޭ މައުލޫމާތު ހުޅުމާލޭގައި އިއްޔެ ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑަށް ފަހު އައި ބަދަލުގައި ގިނަ ބަޔަކު އަމިއްލަ ވަގުތުގައި އަމިއްލަ މަސައްކަތް ކުރަން ބޭނުންވާއިރު, މި އެޕު މެދުވެރިކޮށް އެ މަސައްކަތްތައް ހަރުދަނާ ކޮށް ކުރުމަށް އެހީވެދޭނެ އެވެ. އަދި ވަޒީފާތަކުގައި އުޅޭ މީހުން އާމްދަނީ އިތުރު ކުރުމަށް ގޭގައި ހުރެގެން ކުރާނެ އިތުރު މަސައްކަތް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ޓާސްކިން" އަކީ އާމްދަނީ އިތުރުކުރެވޭނެ އާ މަގެއް،" ދީމާ ވިދާޅުވި އެވެ.

"ޓާސްކިން" އެޕް މެދުވެރިކޮށް ހިދުމަތް ދިނުމުގައި އަގު ކަނޑައަޅައި، ނެގޯޝިއޭޓު ކުރުމުގެ ފުރުސަތު "ޓާސްކާ" އާއި ކަސްޓަމަރަށް ލިބޭނެ އެވެ. އެގޮތުން އެޕް މެދުވެރިކޮށް, ކަސްޓަމަރުން ވަކި ހާއްސަ މަސައްކަތްތަކެއް ޕޯސްޓުކުރުމުން އެ މަސައްކަތް ކޮށްދެވޭނެ މުއްދަތާއި އަގު ހުށަހަޅާ "ބިޑް" ކުރުމުގެ ފުރުސަތު "ޓާސްކާސް" އަށް ލިބޭނެ އެވެ. ކަސްޓަމަރުންގެ އެންމެ ރަނގަޅު ހުށަހެޅުން ހޮވުމުގެ ފުރުސަތު އެ ކަސްޓަމަރަކަށް ފަހިކޮށްދޭނެ އެވެ.

"ޓާސްކިން" އެޕާ ގުޅޭ މައުލޫމާތު އާއްމުންނަށް ހިއްސާ ކުރުމުގެ ގޮތުން އެ އެޕްގެ ލޯންޗިން އިވެންޓު އިއްޔެ ހަވީރު ހުޅުމާލޭގައި ވަނީ ބާއްވައިފަ އެވެ.

ޓާސްކިން އެޕްގެ ސޯޝަލް މީޑިއާ ޕޭޖު މެދުވެރިކޮށް ހުޅުވާލި ފޮޓޯ ކޮންޓެސްޓު ކާމިޔާބުކުރި ފަރާތަށް (ވ) އިއްޔެ އިނާމު ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޓާސްކިން އެޕްގެ ސޯޝަލް މީޑިއާ ޕޭޖު މެދުވެރިކޮށް ހުޅުވާލި ފޮޓޯ ކޮންޓެސްޓު ކާމިޔާބުކުރި ފަރާތަށް (ވ) އިއްޔެ އިނާމު ދެނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސެންޓްރަލް ޕާކުން ފެށި ފޯރިގަދަ ޕިކަޕް ރެލީ ހުޅުމާލެ އެކަކާއި ދެއަކުން ގޮސް ނިންމާލީ ވެސް ހަމަ އެ ތަނަށެވެ. އެ ރެލީގައި އެ އެޕާ ގުޅޭ އެކި މައުލޫމާތުތައް އާއްމުންނާ ހިއްސާކުރި އެވެ. އަދި އެ އެޕްގެ ސޯޝަލް މީޑިއާ ޕޭޖު މެދުވެރިކޮށް ހުޅުވާލި ފޮޓޯ ކޮންޓެސްޓު ކާމިޔާބުކުރި ފަރާތަށް އިނާމު ވެސް ވަނީ ދީފަ އެވެ.

"ޓާސްކިން" އެޕް މިހާރު އެޕަލް ސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑުކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.