ބީއެމްއެލްއިން ޓެނިސް އެސޯސިއޭޝަނާ އެކު ވެފައިވާ ޕާޓްނާޝިޕް އެގްރީމަންޓު މިއަދު އާކޮށްފި އެވެ.

ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްއިން ސޮއި ކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ އެވެ. ޓެނިސް އެސޯސިއޭޝަނުން ސޮއި ކުރެއްވީ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހަފީޒެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްއިން ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ބީއެމްއެލްއިން ބުނި ގޮތުގައި އެ ޗެމްޕިއަންޝިޕަކީ ޓެނިހުގެ ދާއިރާއިން ޒުވާން ކުޅުންތެރިން ތަމްރީނުކޮށް ތަޖުރިބާ ހޯދައިދިނުމަށް ފަހިކޮށްދެވޭނެ ފުރުސަތަކަށް ވާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ޓެނިހުގެ އެންމެ ދުވަސްވީ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އެ ކުޅިވަރު ކުރިއެރުވުމަށް އެ ބެންކަށް ކުރެވޭނެ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ބެންކުގެ އެހީތެރިކަމާ އެކު ޒުވާން އެތްލީޓުންގެ ހުނަރު ތަރައްގީވެ އިތުރަށް ފުޅާވެގެން ދިއުމަކީ ބެންކަށް ލިބޭ އުފަލެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްގެ ސީއެސްއާރުގެ ދަށުން، ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ އެތުލީޓުންގެ ހުނަރު ތަރައްގީކޮށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ބެންކުން ވަނީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރުގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދީ، ގައުމީ ސާފިން ޓީމްތަކަށް ވެސް ސްޕޮންސާޝިޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ބީއެމްއެލް އަކީ ސުވިމިން އެސޯސިއޭޝަންގެ ވެސް ޕާޓްނަރެވެ.

އެތްލީޓުން ތަމްރީނު ކުރުމަށް ބީއެމްއެލްއިން ވަނީ ސްޕޯޓްސް ސްކޮލާޝިޕް ފަންޑުގެ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ހަތް އެތުލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.