އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ފެށި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޕްރޮމޯޝަން ކާމިޔާބުކުރާ ނަސީބުވެރިޔަކަށް، ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ލަންޑަންގެ ދެކޮޅު ޓިކެޓާއި ދަތުރު ހަރަދުގެ ގޮތުގައި 1،000 ޕައުންޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން، ޕްރޮމޯޝަން ކުރިއަށްދާ ދުވަސްވަރު ކޮންމެ ހަފްތާއަކު ނަސީބުވެރި ދެ މީހަކަށް 5،000 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވިޔަސް، އެމެކްސް ކާޑު މެދުވެރިކޮށް ވިޔަފާރިކުރުމުން އޮޓަމެޓިކްކޮށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.