އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ މަރުކަޒީ ބޭންކާއި ބޭންކުތައް ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރު ބޭންކިންގެ ހިދުމަތް ދޭ އެންމެ ފަހު ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ. އެހެންވެ، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދުވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބޭންކިންގެ ހިދުމަތް ބަންދު ދުވަހަކަށް ވާތީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު އެމްއެމްއޭ އިން ދަތުރުވެރިންނަށް ޑޮލަރެއް ވެސް ނުވިއްކާނެ އެވެ. އަދި އާއްމު ހުރިހާ ބޭންކުތަކެއް ވެސް އެ ދުވަހު ބަންދުވާނެ އެވެ.
ކޮންމެ އަހަރަކު ވެސް އެންމެ ފަހު ރަސްމީ ދުވަސް އެމްއެމްއޭ އިން ބަންދު ކުރެ އެވެ. އެ ގޮތަށް ހަދަނީ އެމްއެމްއޭގެ އިތުރުން، ބޭންކުތަކުގެ ހިސާބުތައް ނިންމައި އާ އަހަރަށް ތައްޔާރުވުމަށެވެ.
ދެން ބޭންކުތައް ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.