އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑުން ވިޔަފާރިކޮށްގެން 50،000ރ. ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑު ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރާއްޖޭގެ ފިހާރަތަކުން ވިޔަފާރިކުރާ މީހުންނަށް އެކަންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ މީހަކަށް 50،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ވަނީ ހުށަހަޅައިފަ އެވެ.
ބީއެމްއެލް އިން ވަނީ އެމެކްސް ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން މާޗެންޓުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތުގެ ދަށުން ކޮންމެ ހަފުތާއަކުން ގުރުއަތުން ހޮވޭ މާޗެންޓަކަށް 25،000ރ. އަދި މުޅި ޕްރޮމޯޝަނުން ހޮވޭ މާޗެންޓަކަށް 50،000ރ. ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށެވެ.
ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ހިދުމަތް 300،000 މީހުންނާއި 7،000 މާޗެންޓުން ހޯދަ އެވެ. އެހެންވެ، މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑު ގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އެ ބޭންކަކީ އެމެކްސްގެ ރާއްޖޭގެ އެކްސްކްލޫސިވް މެމްބަރު ވެސްމެ އެވެ.