ގްލަސްގޯ (ފެބްރުއަރީ 26) – އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރުމުން، ސެލްޓިކްގެ ކޯޗު ބްރެންޑެން ރޮޖާސް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

ސްކޮޓިޝް ލީގުގައި މަދަވެލްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ބީބީސީގެ އަންހެން ނޫސްވެރިޔާ ޖޭން ލުވިސް އަށް ދިން އިންޓަވައު ނިންމާލަމުން "ގުޑް ގާލް" އޭ ބުނުމުން ރޮޖާސް ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ.

"އޯކޭ؟ ނިމިއްޖެ. ބަސްއަހާ ކުއްޖެއް. ވެލް ޑަން،" ލުވިސް ކުރި ސުވާލެއް ކުރުކޮށްލަމުން ރޮޖާސް ބުންޏެވެ.

އޭނާއަށް ފާޑުކިޔުން އަމާޒުވީ، އޭގެ ފަހުން އެ ވީޑިއޯ ކްލިޕް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ރޮޖާސްއަކީ އަންހެން ނޫސްވެރިޔަކާ މުއަމަލާތް ކުރި ގޮތުން ހޫނު ފެނަށް ވެއްޓުނު ސެލްޓިކްގެ ފުރަތަމަ ކޯޗެއް ނޫނެވެ. ކުރީގެ ކޯޗު ގޯޑަން ސްޓްރާޝަން 2009 ގެ ކަޕް ފައިނަލުގައި ސެއިންޓް މިރެން އަތުން ބަލިވުމުން އަންހެން ނޫސްވެރިޔަކު ސުވާލު ކުރުމުން ސްޓްރާޝަން ބުނީ މެޗުން ބަލިވި ސަބަބު އަންހެން ނޫސްވެރިޔާއަށް އޮޅުންނުފިލާނެ ކަމަށެވެ.

"ކަލޭ އަށް އެކަން އޮޅުންފިލުމަކީ ނާދިރު ކަމެއް. އެއީ ކުޑަކުއްޖަކަށް ކިޔައިދިނުން ފަދަ ކަމެއް،" ސްޓްރާޝަން ބުނެފައި ވެއެވެ.