ގިނައިރު މަސައްކަތުގައި އުޅެން ޖެހުމުގެ ސަބަބުން ކެއުމާއި ނިދުމަށް ބުރޫއަރާފައިވާ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބު ބައްޗަން ބުނެފި އެވެ.
އުމުރުން 83 އަހަރުގެ އަމީތާބު އެކަން ހާމަކުރީ އޭނާގެ ސަޕޯޓަރުންނާ ގުޅުން ބަދަހިކުރުމަށް ގަވާއިދުން ލިޔުންތައް ޝާއިއުކުރާ އޭނާގެ އަމިއްލަ ބްލޮގްގަ އެވެ.
އޭނާގެ ބްލޮގްގައި ސަޕޯޓަރުންގެ ކިބައިން މާފަށް އެދެމުން އަމީތާބު ލިޔެފައި ވަނީ މިފަހަކަށް އައިސް ބްލޮގްގައި ލިޔާނެ ވަގުތު ނުލިބުނީ މަސައްކަތުގެ ބުރަކަމުންނާއި ވަގުތު ނުވާތީ ކަމަށެވެ. ހެނދުނު 7:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އާ ހަމައަށް، 24 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކުރަން ޖެހޭ ދުވަސްތައް ވެސް ދާ ކަމަށް އޭނާ ބުންޏެވެ.
އަމީތާބު ބުނީ އޭނާ ވެފައިވާ އެއްބަސްވުންތަކާއި ވައުދުތަކަށް އިސްކަންދޭން ޖެހުމުގެ ސަބަބުން ކެއުމާއި ނިދުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދާ ކަމަށެވެ. ނަމަވެސް، "ސޮނީ އެންޓަޓެއިންމަންޓް ޓީވީ" އިން ދައްކާ މަގުބޫލު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯރްޕަތީ" ސީޒަން 18 ފެށުމާ އެކު އެހެން މަސައްކަތްތަކުން ކުޑަ ބްރޭކެއް މިހާރު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ކުރިއެކޭ އެއްގޮތަށް ގަވާއިދުން ސަޕޯޓަރުންނާ ބްލޮގް މެދުވެރިކޮށް ގުޅުން ބޭއްވުމަށްޓަކައި އޭނާގެ ދިރިއުޅުމުގެ ތަރުތީބު އަލުން ހަމަޖައްސަމުން އަންނަ ކަމަށް ވެސް އަމީތާބު ބުންޏެވެ.
މިއީ މަސައްކަތުގެ ބުރަކަމުގެ ސަބަބުން ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުއަންނަ ވާހަކަ އަމީތާބު ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ބުނެފައި ވަނީ ދުވަހަކު މަސައްކަތެއް ނުކޮށް "ކަންނެތް" ކޮށް އުޅެންވެއްޖެ ނަމަ، އޭނާގެ ދުވަހުގެ ތަރުތީބު އޮޅުންބޮޅުންވެ، އުނދަގޫ އިހުސާސްކުރެވޭ ކަމަށެވެ.
އަމީތާބު އެންމެ ފަހުން ކުޅުނު ފިލްމަކީ ބޮޑު ކާމިޔާބީއެއް ހޯދި ސައިންސް-ފިކްޝަން ފިލްމު "ކަލްކީ 2898 އޭޑީ" އެވެ. އެ ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގައި ވެސް އަމީތާބު މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.