މަޝްހޫރު ޑައިރެކްޓަރު/ކޮރިއޯގްރާފަރު ފަރާ ހާން، ގާތްގަނޑަކަށް 10 އަހަރަށް ފަހު އަލުން ޑައިރެކްޝަނަށް އެނބުރި އަންނަ "މޭ ހޫ ނާ 2"ގެ މަސައްކަތް ފަށަން ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ތައްޔާރަށް ހުރި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ޕިންކް ވިލާގެ ރިޕޯޓެއްގައި ބުނީ ފަރާ ވަނީ އެ ފިލްމުގައި ވަރަށް ފުރިހަމަ "ޑަބަލް ރޯލެއް" ކުޅެން ޝާހުއަށް ހުށަހަޅައިފަ އެވެ. އަދި މި ފިލްމުގެ މައިގަނޑު ކޮންސެޕްޓަކީ ވެސް ޝާހު އަމިއްލައަށް ދީފައިވާ ހިޔާލެއް ކަމަށްވެ އެވެ.

"މޭ ހޫ ނާ"ގެ ފުރަތަމަ ފިލްމެކޭ އެއްގޮަތަށް ދެވަނަ ފިލްމުގެ ވާހަކަ ވެސް ބިނާކުރަނީ އިންޑިއާއަށް ކުރިމަތިވާ ނުރައްކަލަކުން ގައުމު ސަލާމަތްކުރުމުގެ މައްޗަށް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ފުރަތަމަ ފިލްމުގައި މުހިންމު ރޯލުތައް ކުޅުނު ތަރިން މި ފިލްމުގައި ވެސް ފެންނާނެ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. 

މީގެ 21 އަހަރު ކުރިން 2004 ގައި ގެނެސްދިން "މޭ ހޫ ނާ"ގައި ޝާހުއާ އެކު މުހިންމު ރޯލުތައް ކުޅުނީ ސުޝްމިތާ ސެން، ސުނިލް ޝެޓީ، ޒައިދު ހާން އަދި އަމްރިތާ ރާއޯ އެވެ. ފަރާ އެންމެ ފުރަތަމަ ޑައިރެކްޓުކުރި އެ ފިލްމަކީ ބޮޑު ހިޓެކެވެ. 

ޝާހު މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ކިންގް"ގެ ޝޫޓިން ނިމުމުން، ފަރާގެ މި ފިލްމުގެ ފުރިހަމަ ސްކްރިޕްޓް އަޑުއަހައި، ފައިނަލް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ޕިންކް ވިލާއިން ބުންޏެވެ. 

ފަރާ އެންމެ ފަހުން ޑައިރެކްޓުކުރި ފިލްމަކީ ޝާހު އާއި ދީޕިކާ ޕަޑުކޯން ލީޑު ރޯލު ކުޅުނު، 2014 ވަނަ އަހަރު ގެނެސްދިން "ހެޕީ ނިއު އިޔާ" އެވެ.

ފަރާ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޝާހު އާއި ދީޕިކާ އެކުގައި ކުޅުނު ފުރަތަމަ ފިލްމު އަދި ދީޕިކާ ބޮލީވުޑަށް ތައާރަފުވި، 2007 ވަނަ އަހަރު ގެނެސްދިން "އޯމް ޝާންތީ އޯމް" ވެސް ހިމެނެ އެވެ. އަދި އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްއާ އެކު 2010 ވަނަ އަހަރު ގެނެސްދިން "ތީސް މާން ހާން" ވެސް ހިމެނެ އެވެ.