ރެގޭ މިއުޒިކްގެ ޖާދޫގައި އެތައް ބަޔަކު ޖެއްސުވި ކުރީގެ މަޝްހޫރު މިއުޒިކް ލެޖެންޑް ބޮބް މާލީގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.
ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެން މި ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމުގެ ފަހަތުގައި ހުރީ ބޮބް މާލީގެ ދަރިފުޅު ޒިގީ މާލީ އެވެ.
ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮބް މާލީގެ ވާހަކަ ކިޔައިދޭ ފިލްމަށް ޑައިރެކްޓަރަކު ހޯދުމާއި ސްކްރިޕްޓް ލިޔާނެ މީހަކު ހޯދުމުގެ މަސައްކަތް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި މިހާރު ވެސް ވަރަށް ގިނަ މިއުޒިޝަނުން ރޯލް މޮޑެލެއްގެ ގޮތުގައި ދެކޭ ބޮބް މާލީ ހަމުގެ ކެންސަރުގައި މަރުވީ 1981 ގަ އެވެ. އޭރު އޭނާގެ އުމުރުން 36 އަހަރެވެ.
ސިގްނޭޗާ ސްޓައިލެއްގެ ގޮތުގައި ދިގު ޑްރެޑްލޮކްސް އިސްތަށިގަނޑެއް އޮތް ބޮބް މާލީގެ ކާމިޔާބު އަދި ކުރު ކެރިއަރުގައި 15 އަލްބަމް ނެރުނެވެ.
އޭނާގެ އެންމެ ފަހުގެ އަލްބަމަކީ މަރުވި ފަހުން ނެރުނު "ކޮންފްރޮންޓޭޝަން" އެވެ. ބޮބް މާލީގެ ފުރަތަމަ އަލްބަމް ނެރުނީ 1965 ގަ އެވެ. އެއީ "ދަ ވެއިލިން ވެއިލާޒް" އެވެ.