ފައިބަރު އުޅަނދުގެ މުހިއްމު ތިން އެވޯޑެއް އަލް-ޝާލީ އަށް ލިބިއްޖެ އެވެ.
ރޭ ބޭއްވި މޯލްޑިވްސް ބޯޓިން އެވޯޑްސްގައި އަލް-ޝާލީ އަށް ފައިބަރު އުޅަނދުގެ 8 މީޓަރާއި 12 މީޓަރުގެ ކެޓަގަރީންނާއި 10 މީޓަރާއި 15 މީޓަރުގެ ކެޓަގަރީންނާއި 15 މީޓަރާއި 45 މީޓަރު ކެޓަގަރީން އެންމެ ރަނގަޅު އުފެއްދުމުގެ އެވޯޑް ލިބިފައިވެ އެވެ.
މިދިޔަ އަހަރު ވެސް އަލް-ޝާލީ އަށް މުހިއްމު ދެ އެވޯޑެއް ލިބިފައިވެ އެވެ. އެގޮތުން ބެސްޓް ފައިބާ ވެސަލް އެވޯޑާއި ބެސްޓް ޔާޑު އޮފް ދަ އިޔާ އެވޯޑު ވެސް ލިބިފައިވެ އެވެ.
މޯލްޑިވްސް ބޯޓިން އެވޯޑަކީ، ރާއްޖޭގެ ލިވަބޯޑު އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑު 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު އަންނަނީ ދެމުންނެވެ.
މި އަހަރުގެ ބޯޓިން އެވޯޑު 29 ކެޓަގަރީއަކުން އަންނަނީ ދެމުންނެވެ. މި އެވޯޑު ދެނީ ކަނޑައާފައިވާ ފަނޑިޔާރުންގެ 70 ޕަސެންޓު މާކްސް އާއި އޮންލައިން އަދި އެސްއެމްއެސް އިން ލިބޭ 30 ޕަސެންޓް މާކްސް އިންނެވެ.
އަލް-ޝާލީ ގެ އޮޕަރޭޝަންސް މެނޭޖާ އިސްމާއިލް ޝަރީފު ވިދާޅުވީ، މިފަދަ އެވޯޑުތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އާ ތަފާތު އުފެއްދުންތައް އަލް-ޝާލީން މާކެޓަށް ގެންނާނެ ކަމަށެވެ.
"އަގު ވަޒަންކޮށް މީގެ ވެލިއު އެނގޭ ކަމެއް ވެއްޖިއްޔާ، އާ އުފެއްދުންތައް އުފައްދަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، މި އަހަރު ތިން އެވޯޑު ލިބުނު އިރު 2017 ވަނަ އަހަރު މޯލްޑިވްސް ބޯޓިން އެވޯޑްސްގެ ހަތަރު އެވޯޑެއް ލިބުނު ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި ދާއިރާގެ އިތުރު އެވޯޑުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ބޯޓިން އެވޯޑްސްގެ އިތުރުން، މި އަހަރު ބޭއްވި މެރިން އެކްސްޕޯގައި އެންމެ ރަނގަޅު އުފެއްދުމުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.