ލަގްޒަރީ ރިސޯޓުތަކާއި ސަފާރީތަކަށް ހާއްސަކޮށްގެން، ފެންވަރު ރަނގަޅު ޑައިވިން ބޯޓެއް މޯލްޑިވްސް މެރިން ސާވިސް އިން ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ ބާޒާރަށް އަލަށް ނެރުނު މި ޑިޒައިނުގެ ޑައިވިން ބޯޓު، ރާއްޖޭގައި އާންމުކޮށް ގެންގުޅޭ އެފަދަ އުޅަނދުތަކާ ވަރަށް ތަފާތެވެ. އެގޮތުން ބޯޓަށް ފަސޭހައިން އެރޭނެ ޕްލެޓްފޯމެއް ބޯޓުގެ ފަހަތުކޮޅުގައި ހަދާފައި ހުރެ އެވެ. އަދި ބޯޓުގެ ދެ ފަރާތުން ވެސް ފަސޭހަކަމާ އެކު އަރައިފޭބޭ ގޮތަށް ސިޑި ހުރެ އެވެ. ރާއްޖޭގައި އާންމުކޮށް ގެންގުޅޭ ޑައިވިން ދޯނިތަކުގެ ސިޑި ހުންނަނީ ދޯނީގައި ހަރުނުކޮށެވެ.

މަތިންދާ ބޯޓުތަކުގައި ހުންނަ ގޮތަށް ދަބަހާއި ގެންގުޅޭ ސާމާނު ރައްކާތެރިކަމާ އެކު ބެހެއްޓުމަށް، އާ ޑައިވިން ބޯޓުގެ އެކި ދިމާތަކުގައި ކެބިންތައް ހަރުކޮށްފައިވެ އެވެ. މީގެ އިތުރުން ދިރުނބާކޮޅު ފަށްގަނޑު ޑިޒައިންކޮށްފައި ވަނީ މީހުންނަށް އިނށީދެލައިގެން ތިބެ، މޫދުގައި އުޅޭ މަސްތައް ބެލޭ ގޮތަށެވެ.

އަލަށް ތައާޜަފް ކުރި ޑައިވިން ބޯޓުގެ އެތެރެ--ފޮޓޯ:އަލީ ހަސަން
އަލަށް ތައާޜަފް ކުރި ޑައިވިން ބޯޓުގެ އެތެރެ--ފޮޓޯ:އަލީ ހަސަން

މި ބޯޓުގައި ޓީވީ ހަރުކޮށްފައިވާއިރު، އިރު އިށީނދެގެން ތިބުމަށް ފަސޭހަ ސީޓުތައް ހިމެނެ އެވެ. އަދި ބޯޓުގެ އެންމެ މަތީގައި ޑެކެއް ވެސް ހަދާފައިވެ އެވެ.

މޯލްޑިވްސް މެރިން ސާވިސްގެ ވެރިޔާ އަލީ ހަސަން ވިދާޅުވި ގޮތުގައި، މިފަދަ ބޯޓެއް ތައްޔާރު ކުރީ، ރާއްޖޭގެ ހައި އެންޑް ރިސޯޓުތަކަށް ހާއްސަކޮށްގެންނެވެ. މި ބޯޓުތައް އެންމެ ފުރަތަމަ ބަނދެފައިވަނީ ކެރީބިއަން ރަށްތަކުގެ ޑައިވް އޮޕަރޭޓަރެއް ކަމުގައިވާ ސްކޫބާ ކެރީބިއަނަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދުއްވުމަށް މިބާވަތުގެ އަށް ބޯޓު ބަނުމަށް ހަމަޖެހިފައިވެ އެވެ.