މޯލްޑިވްސް ބޯޓިން އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 16 އަށް އިތުރުކޮށް އަދި އެވޯޑަށް ވޯޓުލުން ވެސް ހަމަ އެ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ބޯޓިން އެވާޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުން ކުރާ ސަފާރީ، ޔޮޓް އަދި ޑައިވިން ދޯނި ފަހަރުތަކަށް ދޭ ހާއްސަ އެވޯޑެކެވެ.

މި އެވޯޑަކީ ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޓް އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ އެވޯޑް ހަފްލާ އެކެވެ. މިއަހަރުގެ އެވޯޑް ހަފްލާ އޮންނާނީ އަންނަ އޮކްޓޯބަރު މަހު އެވެ.

ބޯޓު އެވޯޑު ހޮވުމަށް ޖަޖުންގެ 40 ޕަސެންޓް އަދި އޮންލައިން ވޯޓުން ބަކީ 60 ޕަސެންޓް ހޯދަން ޖެހެ އެވެ. އަދި އޮންލައިން ވޯޓު ހޯދުމުގެ ފުރުސަތު މިދިޔަ މަހު ފަށާ ގޮތަށް އޮތް ނަމަވެސް މިހާރު އެ ތާާރީހު ވަނީ މިމަހު 16 އަށް ބަދަލުކޮށްފަ އެވެ.

ތަފާތު 25 ކެޓަގަރީ އަކަށް ބަހާލާގެން ކުރިއަށް ގެންދާ މިބޯޓް އެވޯޑްގެ މައިގަނޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ބޯޓުތަކުގެ ހިދުމަތާއި ފެންވަރު ރަގަޅު ކުރުމަށް ހިތްވަރު ދިނުމެވެ.

ޔުނިކާ އާއި ލިވަބޯޑު އެސޯސިއޭޝަނުން ވަނީ މިދިޔަ އަހަރާއި 2014 ވަނަ އަހަރުވެެސް ބޯޓު އެވޯޑް ހަފްލާއެއް ބާއްވާފަ އެވެ.