މި އަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ލިވަބޯޑް އެސޯސިއޭޝަނުން މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.
ބޯޓިން އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ޔޮޓް، ސަފާރީ އަދި ޑައިވިން ދޯނި ފަދަ އުޅަނދުތަކަށް ދޭ ހާއްސަ އެވޯޑެކެވެ.
ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޑު އެސޯސިއޭޝަން ގުޅިގެން ދޭ އެވޯޑަށް އަމިއްލަ ގޮތުންނާއި އަދި އެހެން ފަރާތްތަކަށް ހުށަހެޅޭނެ އެވެ.
ލިވަބޯޑް އެސޯސިއޭޝަނުން ބުނިގޮތުގައި، އެވޯޑް ދިނުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރުގެ ހިދުމަތުގެ ފެންވަރުމަތި ކުރުމަށް ބާރު އެޅުމާއި އެކަމުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމެވެ.
އެ އެސޯސިއޭޝަނުން ވަނީ ތަފާތު އެކި ދާއިރާތަކުން 25 ކެޓަގަރީތަކުން އެވޯޑު ދިނުމަށް ނިންމައިފަ އެވެ. އެވޯޑު ދިނުމުގައި ފަނޑިޔާރުން މައިގަނޑު ގޮތެއްގައި ބަލާނީ އުޅަނދުން ދޭ ހިދުމަތްތަކާއި އޭގެ ފެންވަރަށް ކަމަށް ވެސް ލިވަބޯޑުން ބުންޏެވެ.
އެވޯޑު ދިނުމުގައި ފަނޑިޔާރުން ދޭ 40 ޕަސެންޓް މާކްސްގެ އިތުރުން 60 ޕަސެންޓް ވޯޓު ހޯދަން ޖެހެނީ އޮންލައިން މެދުވެރިކޮށެވެ. އެގޮތުން ކޮންމެ ފަރާތަކަށް އެންމެ ގިނަވެގެން ނޮމިނޭޓް ކުރެވޭނީ ދެ ކެޓަގަރީއަކުން ކަމަށް ވެސް ލިވަބޯޑް އެސޯސިއޭޝަނުން ބުންޏެވެ. ތިންވަނަ ބޯޓިން އެ ވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގަ އެވެ. އަދި އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖޫން އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓް 31ގެ ނިޔަލަށެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ހަފުލާއެއްގައި ކަމަށް ލިވަބޯޑު އެސޯސިއޭޝަނުން ބުންޏެވެ.