ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭރު ފައިސާ ދޫކުރުމަށްޓަކައި ބޭންކްތަކުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމުން ވެސް، އެ މުދާ ރާއްޖެއަށް ނުގެންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއް ގައި އިހުސާން މިނިސްޓަރު ވިދާޅުވީ ޓީޓީތަކާ ގުޅޭ މުދާ ރާއްޖެއަށް ނުގެންނަކަން އެނގުނީ ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން ކުރި މަސައްކަތްތަކުން ކަމަށެވެ. ޓީޓީއާ ހަދާ މުދާ ނުލިބި ލަސްވާއިރު، އެއީ އެޑްވާންސް ޕޭމަންޓް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި އެކަމަކު ޓީޓީ ހަދާތާ އަހަރެއް ވާއިރު ވެސް އެ މުދާ ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޮޑު އަދަދުން ޓީޓީ ހައްދަވާ ބައެއް ބޭފުޅުން އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވުނީ ބޭންކާއި ކަސްޓަމްސްއާ އެކުގައި މި ހެދުނު އެމްއޯޔޫގެ ދަށުން މަސައްކަތް ކުރަމުންދާ އިރުގައި މި ޓީޓީތަކާ ގުޅޭ މުދަލެއް ރާއްޖެއަކަށް ނާދޭ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައޭ އެބަ ބުނޭ، އަހަރެއް ވާއިރު ވެސް މުދަލެއް ނާދޭ." އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓީޓީއާ ގުޅޭ މުދާ ނާންނަ ބައެއް ހާލަތްތަކުގައި އެކަން ކުރާ މީހުން ބުނަނީ އެއީ ލިބިފައި ހުރި މުދަލަށް ނުދައްކާ ހުރި އަގުގެ ބާކީ (ބެލެންސް ޕޭމަންޓް) ކަމަށެވެ. އެކަމަކު އެގޮތަށް ބުނެ ދައްކާ އިންވޮއިސްގައިވާ މުދާ ރާއްޖެއަށް އައިސްފައި ވެސް ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަށް ކިޔަނީ ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިންނޭ، މިހާރު އެބަ ފާހަގަ ކުރެވޭ އަޅުގަނޑުމެންނަށް ޑްރަގް ވިޔަފާރިކުރުމުގަ އާއި ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވުމުގައާ މި ކަންކަމުގައި މި ރޫޓް ބޭނުން ކުރަމުން އަންނަކަން،" އިހުސާން ވިދާޅުވި އެވެ.

އެ މައްސަލަތަކަކީ ވިޔަފާރިއާ ގުޅޭ މަނީ ލޯންޑްރިންގެ މައްސަލަތަކެއްގެ ގޮތުގައި ޖިނާއީ ތަހުގީގުކޮށް ފިޔަވަޅު އަޅަމުންދާނެ މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުތަކަށް އެންމެން ވެސް ބޯލަނބަން ޖެހޭނެ ކަމަށާއި ގާނޫނެއް ކުރިން ތަންފީޒު ނުކޮށް އޮތުމަކީ ކުށަށް އަރައިގަންނަން ލިބޭ ފުރުސަތެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.