ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭނުން ކުރެވޭ ގޮތަށް ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް"ގެ ލިމިޓެޑް ރިލީޒް އަށް، ރަޖިސްޓްރީކުރަން މިއަދު ހުޅުވާލައިފި އެވެ. 

ބީއެމްއެލް އިން ބުނީ ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނީ ފުރަތަމަ ރަޖިސްޓްރީކުރާ 5،000 ކަަސްޓަމަރުންނަށް ކަމަށެވެ. އެ ފުރުސަތު ހޯދަން ރަޖިސްޓްރީވާން ޖެހޭނީ swipe.mv މެދުވެރިކޮށް ކަމަށާއި ރަޖިސްޓްރީ ވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗާތައް ބޭނުން ކުރެވޭނެ ކަމަށް ވެސްް ބީއެމްއެލް އިން ބުންޏެވެ. 

ސްވައިޕް އިން މިހާރު ލިބެން ހުންނާނެ ހިދުމަތްތަކަކީ ޕާސަން-ޓު-ޕާސަން ޓްރާންސްފާ ތަކާއި ކިއުއާރް މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލާލުމެވެ. އަދި ޕޭމަންޓް ލިންކް ފޮނުވުމާއި ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. 

ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުން ކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއް ވެސް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލް އިން ސްވައިޕް ތައާރަފްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ.