ބ. ގޮއިދުއާ ހައެއްކަ މޭލު ބޭރު ފަޅުތެރެއަށް މިދިޔަ ބުރާސްފަތި ދުވަހު މަރުވެގެން ލެއްގި ބޮޑު މަސް އެތަނުން ނަގަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތް ނުވި ކަމަށް ގޮއިދޫ ކައުންސިލުން ބުނެފި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު މުހައްމަދު ނާފިޒް ވިދާޅުވީ އެ މަސް ކަނޑަށް ބޭރު ކުރުމަށް މިދިޔަ ހަފުތާއިން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ފެހެންދޫ އަދި ފުޅަދޫއާ ވެސް ކައިރީގައި އެ މަސް އޮތީ. ބޮޑު މަސް ކަނޑަށް ބޭރުކުރަން މަސައްކަތް ކުރިއަސް، އޭތި ބަރުވެގެން އަދި އެކަމެއް ނުވޭ،" ނާފިޒް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ބޮޑު މަސް ލައްގައިފައި އޮތް ތަނުގައި ފެމުނު ވެސް އުޅޭ ކަމަށެވެ. އެހެންވެ ބޮޑު މަސް ކައިރިއަށް ދިޔަކަމުގައި ވިއަސް އެ ސަރަހައްދަށް ނޭރެވޭކަމަށް ވިދާޅުވި އެވެ.