ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން މީގެ ކުރިން ބޮޑުނުވާ ވަރަށް އަންނަ އަހަރު އިތުރުވާނެ ކަމަށް ކަމަށް ފޯބްސް މަޖައްލާ އިން ލަފާކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި މަޖައްލާ، ފޯބްސް އިން މިހެން ބުނެފައިވަނީ އެ މަޖައްލާގެ "20 ބެސްޓް ޕްލޭސަސް ޓު ޓްރެވަލް އިން 2021" ލިސްޓާ އެކުގަ އެވެ. ރާއްޖެ ވަނީ މި ލިސްޓުގެ 14 ވަނައިގައި ހިމެނިފަ އެވެ.

އަންނަ އަހަރު ދަތުރުކުރަން އެންމެ ރަނގަޅު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައި ވަނީ ފޯބްސްގެ ލިސްޓަށް ގައުމުތައް ހޮވާ އެކްސްޕާޓެއް ކަމަށްވާ ޖޫލީ ޑެންޒިގާ އެވެ. ޖޫލީ އަކީ އެމެރިކާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ ކަމަށްވާ "އެމްބާކްބިޔޯންޑް"ގެ ކޯ ފައުންޑާ އެވެ.

ޖޫލީ ވިދާޅުވި ގޮތުގައި ރާއްޖެއަށް ގިނަ ބަޔަކު އަންނާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ އިން އެމެރިކާއާ އެކު މަޝްވަރާކޮށްފައިވާ ކަންކަމުގެ އިތުރުން ރާއްޖޭގައި ހުޅުވާ އާ ހޮޓަލްތަކުގެ ސަބަބުންނެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު "ބޫސްޓެއް" އަންނާނެ ކަމަށް ވެސް އޭނާ ލަފާކުރައްވާފައިވެ އެވެ.

ކޮވިޑް-19 ފެތުރޭ މި ދުވަސްވަރު ރާއްޖެ އަކީ އެހެން ގައުމުތަކާ ޚިލާފަށް ގުދުރަތީ ގޮތުން، ވަކި ރަށްތަކެއްގައި ރިސޯޓް ހިންގާ ގައުމަކަށް ވުމުން އޮތް ރައްކާތެރިކަން ވެސް ފޯބްސް އިން ފާހަގަކޮށްފައިވެ އެވެ. މިއީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ހިތްހަމަޖެހުމާއި ފުރިހަމަ ޕްރައިވެސީއާއެކު ޗުއްޓީ ހޭދަ ކުރެވޭނެ ސަބަބެއް ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން މިއަހަރު ޓޫރިސްޓުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށްވާނެ އެވެ. ނަމަވެސް ޓޫރިސްޓުންގެ ރައްކާތެރިކަމަށް ސަރުކާރާއި ޓޫރިސްޓު ފެސިލިޓީތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ އަހަރަށް ކޮވިޑް-19ގެ ވެކްސިނެއް ނުލިބުނަސް ރާއްޖެ އަންނަ ޓޫރިސްޓުން ގިނަވާނެ ކަމަށް ޖޫލީ ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިހާރު ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކު ވެސް ކޮވިޑް-19އަށް ނެގެޓިވްކަން އަންގައިދޭ ޓެސްޓް ނަތީޖާއެއް ގެންނަން ޖެހެ އެވެ. އަދި ރާއްޖެ އައުމުން ވެސް ޓެސްޓު ކުރެވޭ އިންތިޒާމުތައް ހަދާފައިވާއިރު ބައެއް ރިސޯޓުތަކުން އަންނަނީ ހިލޭ ޓޫރިސްޓުންނަށް ޓެސްޓުތައް ހެދޭނެ އިންތިޒާމް ހަމަޖައްސައި ދެމުންނެވެ.

މީގެ އިތުރުން ޓޫރިސްޓުންނަށް ހާއްސަކޮށްގެން ކޮވިޑް-19 އަށް ހާއްސަ އިންޝޫރެންސެއް ވެސް އެލައިޑުން މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. މިއީ ދުނިޔޭގެ މަދު ގައުމަކުން ނޫނީ ނުލިބޭ ހިދުމަތެކެވެ.